ޑުބާއީގައި މުވައްޒަފުންގެ މުސާރަދިނުމަށް ބިޓްކޮއިން އާއި ކްރިޕްޓޯ ފައިސާ ބޭނުންކުރުމުގެ ހުއްދަ ރަސްމީކޮށް ދީފިއެވެ.
ޑުބާއިގެ ފުރަތަމަ މަރުޙަލާގެ ކޯޓުން އޮގަސްޓް 15 ވަނަ ދުވަހު ނެރުނު އައު ޙުކުމަކުންވަނީ، ބިޓްކޮއިން ފަދަ ކްރިޕްޓޯކަރަންސީތައް މުވައްޒަފުންގެ މުސާރައިގެ ގޮތުގައި ދިނުމުގައި ޤާނޫނީ އެއްވެސް ހުރަހެއް ނެތްކަމަށް ބުނެ އެހުއްދަ ކަށަވަރު ކޮށްދީފައެވެ.
މި މައްސަލައަކީ މުވައްޒަފަކަށް މުސާރަ ނުދީ ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލައިގައި މުވައްޒަފުގެ ވަޒީފާގެ އެއްބަސްވުމުގައި މުސާރަ ދޭންޖެހޭނެކަމަށް ބަޔާންކޮށްފައިވަނީ ފިއަޓް ކަރަންސީއާއި 5،250 އީކޯވޮޓް ޓޯކަންގެ ގޮތުގައެވެ.
ކޯޓުން މި މައްސަލަ ނިންމާފައިވަނީ މުވައްޒަފުގެ ކޮޅަށެވެ. އަދި ވަޒީފާދޭ ފަރާތުން މުސާރަ ދީފައިވާކަން ސާބިތުކޮށްދެވިފައިނުވާތީ، އީކޯވޮޓް ޓޯކަންގެ ގޮތުގައި މުސާރަ ދިނުމަށް އަމުރުކޮށްފައިވެއެވެ. ވަޒީފާދޭ ފަރާތުން ބުނެފައިވަނީ ކްރިޕްޓޯކަރަންސީ މުސާރައިގެ ގޮތުގައި ދިނުމަކީ ޤާނޫނީގޮތުން ތަންފީޒުކުރެވޭނެ ކަމެއް ނޫންކަމަށެވެ. ނަމަވެސް ކޯޓުން ނިންމާފައިވަނީ ވަޒީފާގެ އެއްބަސްވުމުގައި މިކަން ސާފުކޮށް ބަޔާންކޮށްފައިވާތީ އެއީ ޞައްޙަ އެއްޗެއްކަމަށެވެ.
މި ނިންމުމަކީ 2023 ވަނަ އަހަރު އީކޯވޮޓް ޓޯކަންއާ ގުޅޭ މައްސަލައެއްގައި ނިންމާފައިވާ ނިންމުމާ ތަފާތު ނިންމުމެކެވެ. އޭރު މުވައްޒަފަށް ކްރިޕްޓޯކަރަންސީގެ އަގު ސާފުކޮށް ބަޔާންކޮށްނުދެވުމުގެ ސަބަބުން މައްސަލަ ބާޠިލުކޮށްފައިވެއެވެ.
2024 ވަނަ އަހަރުގެ މި ނިންމުމަކީ ޑިޖިޓަލް ފައިސާއާމެދު ކޯޓުތަކުގެ ނަޒަރު ބަދަލުވަމުންދާކަން ދައްކުވައިދޭ ނިންމުމެކެވެ. އަދި މިއީ ވަޒީފާގެ ދާއިރާގައި ކްރިޕްޓޯކަރަންސީ ބޭނުންކުރުން އިތުރުވެގެންދާނެކަމުގެ ހެއްކެއް ކަމަށް ކަމުގެ މާހިރުން ދެކިލައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!