މި އަހަރުގެ ވޯޓްލާ މީހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން "ބާރަކީ ފާހަގަ ކުއިޒް" ނަމުގައި ކުއިޒެއް އިލެކްޝަން ކޮމިޝަނުން ފަށައިފިއެވެ.

ވޯޓުލާ މީހުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް އޮގަސްޓް މަހުގެ 25 ވަނަ ދުވަހެވެ.

Ad
rt

އެ ކޮމިޝަނުން މި ކުއިޒް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް، ދިހަ ދުވަހުގެ މުއްދަތަށެވެ.

އެ ކޮމިޝަނުން ބުނީ ކޮންމެ ދުވަހަކު، ތިން އިހްތިޔާރީ ޖަވާބު ހިމެނޭ ފަސް ސުވާލު، ވަކި ލިންކެއް މެދުވެރިކޮށް ފޭސްބުކް ޕޭޖުގައި އާންމު ކުރެނެ ކަމަށާއި ޖަވާބު ދިނުމުގައި ދީފައިވާ އިހްތިޔާރީ 3 ޖަވާބުގެ ތެރެއިން އެބޭފުޅަކަށް ފެންނަ ރަނގަޅު ޖަވާބު އިހްތިޔާރު ކުރުމަށްފަހު، ސަބްމިޓު ކުރުމުން އެދުވަހެއްގެ ޖަވާބު ފޮނުވޭނެ ކަމަށެވެ.

ކޮންމެ ދުވަހެއްގެ ސުވާލު ފޭސްބުކްގައި އާންމު ކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 ފެށިގެން 12:00 އާ ދެމެދުގެ ވަގުތެއްގައެވެ. އަދި އެ ސުވާލުގެ ލިންކް ޖަވާބު ދިނުމަށް، ހުޅުވިފައި ހުންނާނީ ޖެހިގެން އަންނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ.

ސުވާލަށް ޖަވާބު ދިނުމަށް ބޭނުންކުރާ ލިންކް: https://bit.ly/4fJahM6

މި ކުއިޒުގައި ހޮވުމަށް ހަމަޖެހިފައި ވަނީ އެއްވަނަ ދެވަނަ އަދި ތިންވަނަ އެވެ. އެއްވަނައަށް 3000 (ތިންހާސް) ރުފިޔާ، ދެވަނައަށް 2000 (ދެހާސް) ރުފިޔާ އަދި ތިންވަނައަށް 1000 (އެއްހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ކުއިޒް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުމާއި އިންތިހާބުތަކާއި އިންތިހާބީ ނިޒާމާ ގުޅޭ މުހިންމު މައުލޫމާތާއި، ސިޔާސީ ޕާޓީތަކާ ގުޅޭ މައުލޫމާތުތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމެވެ. އެ މައުލޫމާތުތައް ރައްޔިތުންނަށް އެނގިފައިވާ މިންވަރު ވަޒަންކުރުމަކީ ވެސް މި ކުއިޒު ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.