ދިވެހި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދު، މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު ފުއްދިގެންދާނެކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާގެ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ފައިސަލް ވިދާޅުވީ، ރިސޯޓު މުވައްޒަފުންނަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދަކީ ބޯހިޔާވަހިކަމުގެ ވައުދުކަމަށެވެ. އަދި އެކަމަށްޓަކައި ރައީސް ގެންދަވަނީ ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުންކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ފައިސަލް ވިދާޅުވީ، މި ފަސް އަހަރު ނިމޭއިރު ރައީސް މުޢިއްޒު، ރިސޯޓުތަކުގެ މުވައްޒަފުންނަށް މަސައްކަތްތެރިންނަށް ބޯހިޔާވަހިކަމުގެ ދާއިރާއިން އެ ކޮށްދޭން ވެވަޑައިގެންފައިވާ ވަޢުދު ފުއްދަވާނެކަމަށެވެ. އަދި ރިސޯޓު މުވައްޒަފުންނަށް އެކަމުގެ ޔަޤީންކަން ދެއްވާކަމަށް ވެސް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަކޮށް ހައުސިން ސްކީމުތަކުން ފުރުސަތު ދިނުމުގެ ގޮތުން، އެންމެ އަވަހަށް އިއުލާންކުރާ ސްކީމަކުން ފުރުސަތު ހުޅުވާލާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވެސް ވަނީ 14 ފެބްރުއަރީ 2024 ގައި ވިދާޅުވެފައެވެ.

ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ސީދާ ރައީސްއާ ސުވާލުކުރުމަށް ސަރުކާރުން ދޭ ފުރުސަތުގައި އާންމުންގެ މީހަކު ކުރި ސުވާލެއްކަމަށްވާ، ''ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މެނިފެސްޓޯގައި ވެފައިވާ ވައުދާ އެއްގޮތަށް އެކަން ފުރިހަމަ ކޮށްދެވެނީ ކޮން ދުވަހަކުންތޯ؟'' ސުވާލުގެ ޖަވާބު ދެއްވަމުން ރައީސް އެދުވަހު ވިދާޅުވީ، ތުރުވެރިކަމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަ ހައުސިން ސްކީމެއް ސޯޝަލް ހައުސިން މަޝްރޫއުތަކުގެ ތެރޭގައި ކުރިއަށް ގެންދަން ކެބިނެޓުން މިހާރު ނިންމާ އެކަމާ ގުޅޭ އޮނިގަނޑު އެކުލަވާލާފައިވާ ކަމަށެވެ.

މިގޮތުން އެ އޮނިގަނޑުގެ މައްޗަށް ބިނާކޮށް ޓޫރިޒަމް ދާއިރާގެ އެކި އެކި ޖަމިއްޔާތަކާ އެކިއެކި މީހުންގެ ހިޔާލާ މަޝްވަރާއާ އެކު އެ ކެޓަގަރީގެ ޝަރުތުތައް ނިންމުމަށާއި، މާލޭ ސަރަހައްދުގެ އިތުރުން ޓޫރިޒަމްގެ ސިނާއަތުގައި މަސައްކަތް ކުރާ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ ހައުސިން ޔުނިޓުތަކުން ޖާގަ ފަހިކޮށްދޭން ކެބިނެޓުން ނިންމާފައިވާކަމަށް ރައީސް އެދުވަހު ވިދާޅުވެފަވެއެވެ.

"އެންމެ އަވަހަށް ފެށޭ ހައުސިން ޔުނިޓުތަކުން ވެސް އެކަން ހަަމަޖެހިގެންދާނެ. އަޅުގަނޑުމެން މިހާރު އެކަމާ ގުޅޭ ބައިވަރު މަސައްކަތްތަކެއް ފަށައިގެން މިއުޅެނީ. ވަރަށް އުންމީދުކުރަން މިއަހަރުތެރޭގައި އެ ފުރުސަތު ލިބިގެންދާނެ ކަމަށް،" ރައީސް އެދުވަހު ވިދާޅުވި އެވެ.