ޔުއެފާ ސުޕް ކަޕް ހަވަނަ ފަހަރަށް ކާމިޔާބުކޮށް، މުބާރާތް އެންމެ ގިނައިން ކާމިޔާބު ކުރި ޓީމްގެ ޝަރަފް ރެއާލް މެޑްރިޑުން ހޯދައިފިއެވެ.
ރޭ މެޗަށް ރެއާލް ނުކުތުމުގެ ކުރިން ޔުއެފާ ސުޕަ ކަޕް އެންމެ ގިނައިން ކާމިޔާބުކުރި ޓީމްގެ ލިސްޓްގެ އެއްވަނާގައި ތިން ޓީމް އޮތެވެ. އެއީ އޭސީ މިލާނާއި ބާސެލޯނާ އަދި ރެއާލް މެޑްރިޑެވެ. ރޭ މޮޅާއިއެކު ރެއާލުން ސުޕަ ކަޕް ހަވަނަ ތަށި ކާމިޔާބުކޮށް އެންމެ ކާމިޔާބު ޓީމަށް ވީއެވެ. ބާސާއާއި އޭސީ މިލާނު ސުޕަ ކަޕް ފަސްފަހަރު ވަނީ ކާމިޔާބު ކޮށްފައެވެ. ރެއާލަކީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ވެސް އެންމެ ކާމިޔާބު ޓީމެވެ. ރެއާލުން ވަނީ ޗެމްޕިއަންސް ލީގު 15 ފަހަރު ކާމިޔާބު ކޮށްފައެވެ.
ޔުއެފާ ސުޕް ކަޕަކީ ފާއިތުވި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުންނާއި ޔުއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ މެޗެކެވެ.
ރޭ ރެއާލުން އެތުލާންޓާގެ މައްޗަށް ކުރި ހޯދީ 2-0 ގެ ނަތީޖާއިންނެވެ. ރޭ މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ރެއާލުން ކުޅުނު ނަމަވެސް ލަނޑުޖަހާނެ މާގިނަ ފުރުސަތެއް ނުހޯދުނެވެ. ފުރަތަމަ ހާފުގައި އެނެމް ރަނގަޅު ފުރުސަތެއް ލިބުނީ ރެއާލްގެ ރޮޑްރިގޯއަށެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތު ތެރޭ އޭނާ ފޮނުވާލި ހަމަލާ ބޭރަށް ދިޔައީ ހުރަސް ދަނޑީގައި ޖެހިފައެވެ.
ދެވަނަ ހާފުގައި ރެއާލުން ވަނީ އެޓޭކަށް އިސްކަންދީގެން މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފައްދާފައެވެ. މިގޮތުން ރެއާލުގެ ފުރަތަމަ ލަނޑު 59 ވަނަ މިނެޓުގައި ޖަހައިދިނީ ވަލްވަޑޭއެވެ. ވިނީސިއަސް އެތުލްންޓާގެ އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ ޑިފެންޑަރު ނައްޓާލުމަށް ފަހު ދިން ބޯޅަ ވަލްވަޑޭ ވަނީ ފަސޭހައިން ގޯލުގެ ތެރެއަށް ވައްދާލާފައެވެ. އޭގެ އިރުކޮޅެއް ފަހުން ވިނީސިއަސްއަށް ލީޑު ފުޅާކުރަން ރަނގުގެ ފުރުސަތެއް ލިބި ބޭކާރުވިއެވެ.
ރެއާލުގެ ދެވަނަ ލަނޑު ޖަހައިދިނީ މި ސީޒަނަށް އެ ޓީމާއި ގުޅުނު އެމްބާޕޭއެވެ. މިއީ އެމްބާޕޭ ރެއާލަށް ކުޅުނު ފުރަތަމަ މެޗެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި ބެލިންހަމް ތަނަވަސް ކޮށްދިން ފުރުސަތުގައި އެމްބާޕޭ ލަނޑުޖެހީ 68 ވަނަ މިނެޓުގައެވެ. އޭގެ ފަހުން ވެސް ރެއާލަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!