ބުދަ ދުވަހުގެ ރޭ ދެކުނު ލުބުނާނުގައި އިސްރާއީލުން ދިން ވައިގެ ހަމަލާތަކެއްގައި ދެމީހަކު މަރުވެއްޖެ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މަރްޖައައޫން ރަށަށް އަމާޒުކޮށް ދިން މި ހަމަލާގައި އިތުރު ހަތަރު މީހަކަށް ބޮޑެތި އަނިޔާވެފައިވެއެވެ.
އިސްރާއީލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ ބުދަ ދުވަހުގެ ކުރީކޮޅު ރަބް އެލް-ތަލާތީން، ބްލީދާ، ހޫލާ، ނަގޫރާ އަދި އައިތާ އަޝް-ޝައާބް ރަށްތަކުގައި ހިޒްބުﷲއާ ގުޅުންހުރި އަސްކަރީ މަރުކަޒުތަކަކަށް ހަމަލާދީފައިވާ ކަމަށެވެ.
މި ހަމަލާތައް ދީފައިވަނީ ދެކުނު ލުބުނާނުން އުތުރު އިސްރާއީލުގެ ކިރްޔަތް ޝްމޯނާއަށް ތިން ރޮކެޓް ފޮނުވާލުމާ ގުޅިގެން ކަމަށް އިސްރާއީލު ސިފައިންގެ ބަޔާނުގައި ބުނެފައިވެއެވެ.
އިސްރާއީލާއި ހިޒްބުﷲއާ ދެމެދު ފުރިހަމަ ހަނގުރާމައެއް ފެށުމުގެ ބިރުވެރިކަން އިތުރުވެފައިވަނީ މަސްތަކެއް ވަންދެން ދެފަރާތުން އިންޒާރުތައް ބަދަލުކުރަމުން ދިއުމާއެކުގައެވެ. ޚާއްސަކޮށް ޖުލައި 30 ވަނަ ދުވަހު ބެއިރޫތުގައި އިސްރާއީލުގެ ވައިގެ ހަމަލާއެއްގައި ހިޒްބުﷲގެ އިސް ކޮމާންޑަރެއް ކަމަށްވާ ފުއާދު ޝުކުރު އަވަހާރަކޮށްލުމާ ގުޅިގެން ހިޒްބުﷲއިން އަސްކަރީ ބަދަލު ހިފުމަށް އިންޒާރުދީފައިވުމާ ގުޅިގެންނެވެ.
މި ހަމަލާތައް އިތުރުވަމުން އަންނަނައިރު، އޮކްޓޯބަރު މަހުން ފެށިގެން ގާޒާގައި އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 40،000 އާ ގާތްކުރާ އަދަދެއްގެ މީހުން ވަނީ މަރުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!