މޯލްޑިވްސް ޓޫރިޒަމް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 60 ލާރި ބަހަން ނިންމައިފިއެވެ.

މިގޮތަށް ފާސްކޮށްފައިވަނީ މެންހަޓަން ބިޒްނަސް ހޮޓެލްގައި ރޭ ބޭއްވި އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައެވެ. މިގޮތަށް ފާސްކުރީ އެ ކުންފުނީގެ ހިއްސާދާރުންގެ 99 އިންސައްތަ ވޯޓުންނެވެ.

Ad
rt

ހިއްސާދާރުންނަށް 60 ލާރީގެ މަގުން 20.4 މިލިއަން ރުފިޔާ ބަހަން ވަނީ ނިންމާފައެވެ. އެ ކުންފުނިން މިދިޔަ ދެ އަހަރު ވެސް ހިއްސާއަކަށް ބަހާފައި ވަނީ 60 ލާރިއެވެ.

އެމްޓީޑީސީއަށް މިދިޔަ އަހަރުގެ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 6.7 މިލިއަން ޑޮލަރު (103 މިލިއަން ރުފިޔާ)އެވެ. މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 9 އިންސައްތަ ދަށް އަދަދެކެވެ.

އެ ކުންފުނީގެ ސާފު ފައިދާގެ ގޮތުގައި މި ދިޔަ އަހަރު ލިބުނީ 1.4 މިލިއަން ޑޮލަރު (21 މިލިއަން ރުފިޔާ) އެވެ. މިއީ އޭގެ ކުރީ އަހަރު ލިބުނު 2.5 މިލިއަން ޑޮލަރާއި(38 މިލިއަން ރުފިޔާ)އާ އަޅާބަލާއިރު 41 އިންސައްތައިގެ ދަށްވުމެކެވެ.

ކުންފުނީގެ އާމްދަނީ ދަށްވީ ހދ. ނާގޮށީގެ ސަބްލީސް އުވާލުމާއި ގުޅިގެންނެވެ. އަދި ސާފު ފައިދާ ދަށްވީ ޑިފާޑް ޓެކްސް ދަރަނި އިތުރުވެފައި ވާތީ ކަމަށް އެ ކުންފުނިން ބުނެއެވެ.