އެމެރިކާގެ ރައީސް ޖޯ ބައިޑެން، މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަނުކުރާނެކަމަށް އިޢުލާނުކޮށް ފަހަތައް ޖެހިވަޑައިގ،ެ އޭނާގެ ނައިބު ރައީސް ކަމާލާ ހެރިސްއަށް ތާއީދު ކުރައްވައިފި އެވެ.
ބައިޑެން ވަނީ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިނުލާނެކަމަށް ނިންމާ ބަޔާނެއް ނެރުއްވާފަ އެވެ. އޭނާ ވިދާޅުވީ މިހާރު އޭނާގެ މަސައްކަތްތައް އަމާޒުކުރައްވާނީ ދައުރު ނިމެންދެން ރައީސްކަމުގެ ވާޖިބުތައް އަދާކުރެއްވުމަށް ކަމަށެވެ.
މި ބަޔާން ނެރެފައިވަނީ، ޑިމޮކްރެޓިކް ޕާޓީގެ އިސް ފަރާތްތަކަކުން "ބަޣާވާތެއް" ކޮށް، ބައިޑެން މަޤާމުން ދުރަށް ޖައްސަން ޖެހިދާނެ ކަމަށް ގޮވާލަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
"2020 ވަނަ އަހަރު ޕާޓީގެ ކެންޑިޑޭޓަކަށް ހޮވުނު ފަހުން އަޅުގަނޑު ނިންމި އެންމެ ރަނގަޅު ނިންމުމަކީ ކަމާލާ ހެރިސް ނައިބު ރައީސްކަމަށް ހޮވުން. މިއަދު އަޅުގަނޑު ބޭނުންވަނީ މިއަހަރުގެ އިންތިޚާބުގައި ޕާޓީގެ ކެންޑިޑޭޓަކަށް ކަމާލާއަށް އަޅުގަނޑުގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ދޭން،"
ބައިޑެން ވިދާޅުވިއެވެ.
ބައިޑެން ވިދާޅުވެފައިވަނީ، އެމެރިކާ ރައްޔިތުންގެ ރައީސްގެ ގޮތުގައި ޚިދުމަތްކުރުމަކީ ލިބުނު އެންމެ މަތިވެރި ޝަރަފް ކަމަށާއި ޕާޓީއާއި ޤައުމުގެ ލާބައަށްޓަކައި އެންމެ ރަނގަޅީ ރިޔާސީ އިންތިހާބުން ތަނާޒުލުވެ، ބާކީ އޮތް ދުވަސްތަކުގައި ރައީސްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އެކަނި އަމާޒުވުންކަމުގައި ޤަބޫލުކުރާކަމަށެވެ.
ޑިމޮކްރެޓިކް ޕާޓީގެ ވޯޓަރުންގެ ތެރެއިން ގިނަ ބަޔަކު ބައިޑެންއަށް ތާއީދުކުރި ނަމަވެސް، ޕާޓީގެ އިސް މެންބަރުން ވަނީ އެމަނިކުފާނު އެއްފަރާތްވުމަށް ގޮވާލާފައެވެ.
ވައިޓް ހައުސްއިން ބުނެފައިވަނީ ބައިޑެން މި ނިންމުން ނިންމެވީ ޤައުމީ މަޞްލަޙަތަށް އިސްކަންދެއްވައިގެން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!