ކުޅިވަރުގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ވިދާޅުވީ "ޕެރިސް 2024 އޮލިމްޕިކްސް" ގައި ދިވެހިރާއްޖޭގެ ދިދަ އުފުލަން ހަމަޖެހިފައިވާ އެތުލީޓުންނާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ރައީސް އޮފީހުގައެެވެ.

Ad
rt

މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ކުޅިވަރު ކުރިއެރުވުމަށްޓަކައި މިހާތަނަށް ރާއްޖޭގެ ތާރީޚު ނުދެކޭހާ މިންވަރަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެއެވެ. އަދި ކުޅިވަރު ތަރައްޤީކުރުމަށް މިއަންނަ އަހަރުގެ ބަޖެޓުން ޚާއްޞަކަމެއްދެއްވައިގެން އިންޤިލާބީބަދަލެއް ކުޅިވަރުގެ ދާއިރާއަށް ގެނައުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި ކުރިއަށް އޮތް މުބާރާތްތަކުގައި ރާއްޖޭގެ ފަރާތުން އިތުރު ކުޅިވަރުތަކުގައި އެތުލީޓުން ނުވަތަ ކުޅިވަރުކުޅޭ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ލިބޭ ފެންވަރަށް ރާއްޖޭގައި ކުޅިވަރު ކުރިއަށްގެންދިއުމަކީ މިސަރުކާރުގެ ސިޔާސަތެކެވެ.

ސަރަހައްދީ ފެންވަރުގައާއި އަދި ބައިނަލްއަޤްވާމީ މައިދާނުގައި، އޮލިމްޕިކްސް އާއި އެހެނިހެން މުބާރާތްތަކުގައި ރާއްޖޭގެ ފަރާތުން ގިނަ އެތުލީޓުން ބައިވެރި ކުރުމަށްޓަކައި ރާއްޖޭގައި ލިބޭ ތަމްރީނާއި ލިބޭ ފުރުސަތުތައް އިތުރުކުރުމާއި، ރާއްޖެއިން ބޭރުންވެސް ތަމްރީނުގެ ފުރުސަތުތައް ހޯދައިދީ އެތުލީޓުން ކުރިއެރުވުމަށްޓަކައި ކޮށްދެވެންހުރި ހުރިހާ މަސައްކަތެއް ވަކިތަރުތީބެއްގެ މަތީން ކުރުމަކީ ވެސް މި ސަރުކާރުގެ ސިޔާސަތެއްކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ "ޕެރިސް 2024 އޮލިމްޕިކްސް"ގައި ބައިވެރިވާ ދިވެހި އެތުލީޓުންނަށް ހިތްވަރުދެއްވައި ދިވެހިރާއްޖެއަށް ރީތިނަން ހޯދައިދިނުމަށް ބާރުއަޅުއްވާފައެވެ.