ތިލަދުންމަތި ދެކުނުބުރީ ކުޅުދުއްފުށި ސިޓީގެ ބޭރުގައި ވަދު ކަނދުފައްޗެއް އަޅައިފިއެވެ.
ފިޝަރީސް މިނިސްޓްރީން ކުޅުދުއްފުށީގެ އިރުން 3.9 މޭލު ބޭރުގައި މި ކަނދުފަތި އަޅާފައިވަނީ މިއަދު (08 ޖުލައި 2024) އެވެ.
މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި ޝުކުރު އަދާކުރަމުން ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރ މުހައްމަދު ދައޫދު ވިދާޅުވީ ކުޅުދުއްފުށީގެ ބޭރުގައި އެޅިގެންދިޔަ ވަދު ކަނދުފައްޗަކީ އެ ސިޓީގައި ތިބި ސްޕޯޓްސް ފިޝިންއަށް ލޯބިކުރާ ފަރާތްތަކުގެ ގިނަ ދުވަސްތަކެއްވީ އުންމީދެއް ކަމަށެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ކަނދުފަތި ހަރުކުރުމަށް ސަރުކާރުން މިހާރު ފަށާފައިވާ ޕްރޮޖެކްޓްގެ ދަށުން މި މަހުގެ 6 ވަނަ ދުވަހު ރ.އުނގޫފާރުގެ އިރުން 6 މޭލު ބޭރުގައި ވެސް ވަނީ ވަދު ކަނދުފައްޗެއް އަޅާފައެވެ.
މީގެއިތުރުން މި މަހުގެ 5 ވަނަ ދުވަހު ޅ.ފާދޫގެ އިރުއުތުރުން 10.25 މޭލު ބޭރުގައި ދޮށީ ކަނދުފައްޗެއް ވެސް ވަނީ އަޅާފައެވެ.
ހއ. ބާރަށު ކައިރީ ވެސް ވަދު ކަނދުފައްޗެއް އަޅަން ބޭނުންވާ ސާމާނު ސަރުކާރުން މިހާރު ވަނީ ފޮނުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!