މޯލްޑިވްސް ލޯކަލް ކައުންސިލްސް އެސޯޝިއޭޝަން (އެމްއެލްސީއޭ)ގެ ފުރަތަމަ އާންމު ޖަލްސާ އިއްޔެ ބާއްވައިފިއެވެ.
މި ޖަލްސާ ބާއްވާފައި ވަނީ ބ. އަތޮޅު ކަމަދޫގައެވެ. މި ޖަމިއްޔާގެ ފުރަތަމަ އާންމު ޖަލްސާ އިފްތިތާހްކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު އެވެ.
މި ޙަފްލާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މި ޖަމިއްޔާ އުފެދިގެންދާ އިރު ސަރުކާރުގެ ފަރާތުން ކައުންސިލްގެ ކަންކަން ބާރުވެރިކުރުމާއި ލާމަރުކަޒީ ނިޒާމު ހަރުދަނާކުރެއްވުމަށް ޓަކައި ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އަދި މި ފަދަ ކަންކަމުގައި ކައުންސިލްތަކަށް ސަރުކާރުގެ ފަރާތުން އެއްބާރުލުން ދެއްވާނެ ކަމުގައި ވެސް ވިދާޅުވިއެވެ.
އެންމެން ޝާމިލްވާ ގޮތަށް އެ ޖަމްޢިއްޔާގެ މަސައްކަތްތައް ކުރިއަށް ގެންދަން ސަރުކާރުގެ ތެރެއިން ކޮށްދެންޖެހޭ ކޮންމެ ކަމެއް ކުރުމުގައި އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެެވެ.
''ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ޓަކައި ކުރަންޖެހޭ ކަނކަން ކުރުމުގައި މި ފަދަ ޖަމްޢިއްޔާތަކާއި އެކުގައި، އެއީ ކައުންސިލެއް ކަމުގައި ވިޔަސް އެ ކައުންސިލާއި އެކުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އަޅުގަނޑުމެން ވަރަށް ސާބިތުކަމާއެކު ކޮށްދޭނެ ވާހަކަ މިއަދު ވެސް ތިޔަ ބޭފުޅުންގެ މަޢުލޫމާތަށް ޓަކައި ދަންނަވަން'' ވަޒީރު އާދަމް ޝަރީފް ވިދާޅުވެފަވެއެވެ.
އެމްއެލްސީއޭ އަކީ ސިޓީކައުންސިލާއި، އަތޮޅުކައުންސިލާއި އަދި ރަށުކައުންސިލްތަކުގެ ތެރެއިން އެ އެސޯޝިއޭޝަންގެ މެންބަރޝިޕް ހިމެނޭ ދާއިރާތަކުގެ ކައުންސިލަރުން ހިމެނޭގޮތަށް މަސައްކަތްކުރުމަށް އުފެއްދި ޖަމްޢިއްޔާއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!