އައިޖީއެމްއެޗަށް ޒިޔާރަތް ކުރާ ނަމަ، މާސްކް އަޅަން އެ ހޮސްޕިޓަލުން އެދިއްޖެއެވެ.

އައިޖީއެމްއެޗުން ނެރުނު ދެންނެވުމެއްގައި ބުނެފައިވަނީ ހައްޖު ކްލިނިކަށް ހާޒިރުވާ މީހުންގެ ތެރެއިން ރޯގާގެ އަލާމާތްތައް ހުންނަ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އެހެންވެ، ބަލި މީހުންނާއި މުވައްޒަފުންނާއި މުޖުތަމައުގެ ރައްކާތެރިކަން އިތުރު ކުރުމުގެ ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

Ad
rt

އެގޮތުން ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ އައިޖީއެމްއެޗަށް ޒިޔާރަތް ނުކުރުމާއި އައިޖީއެމްއެޗަށް ޒިޔާރަތް ކުރާ ނަމަ، މާސްކް އަޅަން އައިޖީއެމްއެޗުން އެދިފައިވެއެވެ.

ހާއްސަކޮށް ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ، އެކަމަށް ސަމާލުވެގެން މާސްކް އަޅައިގެން އައުމަށް އެދުނު އިރު، ހޮސްޕިޓަލްގައި އެއްވެ އުޅުމުން ދުރުހެލިވުމަށް ވަނީ އަންގައިފައެވެ.

މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި އައި މީހުންނަށް ހާއްސަ ފްލޫ ކުލިނިކެއް އައިޖީއެމްއެޗުގައި ދާދި ފަހުން ވަނީ ހުޅުވައިފައެވެ. މި ކްލިނިކް ހުންނާނީ އެ ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން ރޫމް ނަންބަރު 10 ގައެވެ.

މި ކްލިނިކުން ހިދުމަތް ދޭނީ ކޮންމެ ހެނދުނު ދުވަހެއްގެ 8:00 އިން ފެށިގެން ރޭގަނޑު 8:00 އަށެވެ.