ނޮޅިވަރަމް ފުޓްސަލް ދަނޑުގައި ރޯކޮށްލުމުން ބޭނުން ނުކުރެވޭވަރަށް ހަލާކުވެއްޖެ

ނޮޅިވަރަމް ފުޓްސަލް ދަނޑުގައި ރޯކޮށްލާފައި، ފޮޓޯ: މުސްތަފާ
ނޮޅިވަރަމް ފުޓްސަލް ދަނޑުގައި ރޯކޮށްލާފައި، ފޮޓޯ: މުސްތަފާ

ހދ. ނޮޅިވަރަމް ފުޓްސަލް ދަނޑުގައި ރޯކޮށްލުމުން ބޭނުން ނުކުރެވޭވަރަށް ހަލާކުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، ނޮޅިވަރަމް ފުޓްސަލް ދަނޑުގައި އަލިފާން ރޯވެގެން އެކަމުގެ ރިޕޯޓު ރޭ ފަތިހު 5:24 ހާއިރު އެ އިދާރާ އަށް ލިބިފައިވާ ކަމަށެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާކަމަށާއި، މި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާއާއި ގުޅިގެން ނޮޅިވަރަމް ކައުންސިލްގެ މީޑީއާ ކޯޑިނޭޓަރު، ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ، މަންޒަރު ދުށް މީހުންނާ ހަވާލާދީ ''ތިލަދުން'' އަށް ވިދާޅުވީ، ނޮޅިވަރަމް ރަސްމީ ސްޕޯޓްސް އެރީނާގައި އޮންނަ ފުޓްސަލް ދަނޑުގައި ރޭ ބަޔަކު ރޯކޮށްލާފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

އެ ތަނުގައި ރޯކޮށްލާފައި ވަނިކޮށް ފަތިހު ފެނުމުން، އެކަން ފުލުހުންނަށް ރިޕޯޓް ކުރުމަށްފަހު، އެރަށު ކްލަބް ހުވާސްގެ މެންބަރުންނާއި އެތަން ފެނުނު އާންމުންގެ ބަޔަކު އެތަން ނިއްވާލާފައި ވީނަމަވެސް، ދަނޑު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް މުސްތަފާ ވިދާޅުވިއެވެ.

''ދަނޑުގެ މެޓް ގައި ރޯކޮށްލާފައި ކަމަށް ޤަބޫލު ކުރެވެނީ، އެހެން ދަންނަވަން ޖެހެނީ އެކަމަށް ބާރުލިބޭ ޔެތޮ އަޅާފައި ހުރިކަމަށް ބެލެވޭ އެއްޗެހި އެ ސަރަހައްދުން ފެނިފައިވާކަމަށް އެތަނަށް އެވަގުތު ދިޔަ މީހުން އެބަބުނޭ، އެކުދިންނަށް ޔަގީނާގާތަށް ބުނޭ ބަޔަކު ރޯކޮށްލީ ކަމަށް، މި ޢަމަލު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން'' މުސްތަފާ ވިދާޅުވިއެވެ.

ނޮޅިވަރަމް ފުޓްސަލް ދަނޑުގައި ރޯކޮށްލުމުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި، ފޮޓޯ: މުސްތަފާ

މުސްތަފާ ވިދާޅުވީ، މި ދަނޑުގައި ރޯކޮށްލާ އަންދާލާފައި މިވަނީ އެރަށުގެ ކްލަބެއްކަމުގައިވާ ކްލަބް ހުވާސް އިން އިންތިޒާމްކޮށްގެން ''ކްލަބް ހުވާސް ފުޓްސަލް ޗެލެންޖު 2024'' ނަމުގައި ފުޓްސަލް މުބާރާތެއް ވެސް އެ ދަނޑުގައި ކުޅެމުން ދަނިކޮށެވެ. ޔޫރޯ އާއި ދިމާކޮށް ފެށި މި މުބާރާތުގެ މެޗުތައް މިދަށް ވެސް ތާވަލުކޮށްފައިވާ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

ކައުންސިލުން ވެސް ދި ހާސް ރުފިޔާގެ އެހީއެއް ދީ، ކައުންސިލްގެ އެހީތެރިކަމާއެކު ހިންގާ މި މުބާރާތް ރަށުގެ ވެލި ދަނޑުގައި ކުރިއަށް ގެން އެ ކްލަބުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މުސްތަފާ ފާހަގަކުރެއްވި ގޮތުގައި މީގެ ކުރިން ވެސް ފުޓްބޯޅަ ދަނޑުގައި އެޅުމަށް ގެނެސްފައި ހުރި ޓާފް ރޯލުތަކުގައި ދެ ފަހަރެއްގެ މަތިން ރޯކޮށްލާފައިވާއިރު، މިފަދަ ކަންކަން ތަކުރާރުވުމަކީ ވަރަށް ހިތާމަ ހުރިކަމެކެވެ.

''މިފަދަ ކަންކަން ކުރާ މީހުން މި ކުރަނީ ވަރަށް ފިނޑިއަމަލެއްކަމަށް އަޅުގަނޑު ދެކެނީ'' މުސްތަފާ ވިދާޅުވިއެވެ.

ނޮޅިވަރަމް ފުޓްބޯޅަ ދަނޑުގައި އަޅަން ބަހައްޓާފައި ހުރި ޓާފްތަކުގައި އަނެއްކާ ވެސް ރޯކޮށްލައިފި

ނޮޅިވަރަމުގައި ޓާފް އަޅައިގެން ފުޓްބޯޅަ ދަނޑެއް ތަރައްޤީ ކުރުމަށް އެ ރަށަށް ގެންގޮސްފައި ހުރި ޓާފްތަކުގައި ފާއިތުވި 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުގެ ރޭ އަދި 14 ފެބްރުއަރީ 2023 ވަނަ ދުވަހުގެ ވެސް ވަނީ ރޯކޮށްލުމުން ބޮޑެތި ގެއްލުން ތަކެއް ވެފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި