ހދ. ނޮޅިވަރަމް ފުޓްބޯޅަ ދަނޑުގައި އެޅުމަށް ގެނެސްފައި ހުރި ޓާފް ރޯލުތަކުގައި އަނެއްކާ ވެސް ރޯކޮށްލައިފިއެވެ.
ނޮޅިވަރަމުގައި ޓާފް އަޅައިގެން ފުޓްބޯޅަ ދަނޑެއް ތަރައްޤީ ކުރުމަށް އެ ރަށަށް ގެންގޮސްފައި ހުރި ޓާފްތަކުގައި ފާއިތުވި ޖަނަވަރީ މަހު 30 ވަނަ ދުވަހުގެ ރޭ ވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުން ތަކެއް ވެފައެވެ. އެ ފަހަރު ވެސް ޝައްކުކޮށްފައި ވަނީ ބަޔަކު އެ ތަކެތީގައި ރޯކޮށްލީ ކަމަށެވެ.
މި ހާދިސާއާއި ގުޅޭގޮތުން "ތިލަދުން" އަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން ނޮޅިވަރަމް ކައުންސިލުގެ ރައީސް ޔޫސުފް މޫސާ ވިދާޅުވެފައި ވަނީ އެ ރަށު ފުޓްބޯޅަ ދަނޑުގައި އެޅުމަށް ގެނެސްފައިވާ ޓާފްތަކުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ޚަބަރު ލިބިފައި ވަނީ މިއަދު ހަވީރު 3:33 ގައި ކަމަށެވެ.
ނޮޅިވަރަމް ދަނޑުގައި އަޅަން ގެންގޮސްފައި ހުރި ޓާފް ތަކުގައި ރޯކޮށްލައިފި
ޔޫސުފް އިތުރަށް ވިދާޅުވެފައި ވަނީ ފާއިތުވި ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުގެ ރޭ ޓާފްތަކުގައ ހިނގި އަލިފާނުގެ ހާދިސާގައި އެތަނުގައި ހުރި ހުރިހާ ޓާފް ރޯލުތަކަށް ގެއްލުން ލިބިފައިވާ ކަމަށާއި، އެ ހާދިސާއަށް ފަހު ޓާފް ރޯލުތަކުގައި ބޭނުން ކުރެވޭވަރު ހާލަތެއްގައި ހުރި ޓާފް ހުރިތޯ ބެލުމަށް އެތަކެތި ނަގައި ބައިބަޔަށް ވަކިކޮށްފައި ވަނިކޮށް، އެތަނުގައި ހުރި އެންމެ ހާލަތު ރަނގަޅު ބައިގައި އަނެއްކާ ވެސް އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ޓާފްތައް އެކޮށް އަނދާފައިވާ ކަމަށެވެ.
ނޮޅިވަރަމްގައި ޓާފްއަޅައިގެން ބޮޑު ފުޓްބޯޅަ ދަނޑެއް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2019 ވަނަ އަހަރުއެވެ. އެ މަސައްކަތް ފެށިތާ ތިން އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!