ށ.އަތޮޅު ކައުންސިލުން އިސްނައިގެން އެ އަތޮޅުގައި ފުޓްސަލް ރެފްރީން ތަމްރީން ކުރަނީ

2022 ވަނަ އަހަރު ށ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ ރަށްތަކުގެ މެދުގައި ބޭއްވި މިލައުތުރު ފުޓްސަލް މުބާރާތުގެ މެޗެއް ކުޅެނީ،
2022 ވަނަ އަހަރު ށ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ ރަށްތަކުގެ މެދުގައި ބޭއްވި މިލައުތުރު ފުޓްސަލް މުބާރާތުގެ މެޗެއް ކުޅެނީ،

ށ.އަތޮޅުގައި ފުޓްސަލް ރެފްރީން ތަމްރީން ކުރުމަށް ނިންމައި، އެ އަތޮޅުގެ ރަށްތަކުން އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިއަދު ފުރުސަތު ހުޅުވާލައިފިއެވެ.

މި ކޯސް ކުރިއަށް ގެންދަނީ ށ.އަތޮޅު ކައުންސިލުން އިސްނަގައިގެން، މޯލްޑިވްސް ނެޝަނަލް އިންސްޓިއުޓް އޮފް ސްޕޯޓްސް އަދި ކުޅިވަރާއިބެހޭ ވުޒާރާގެ އެހީތެރިކަމާއެކުގައެވެ.

ށ.އަތޮޅު ކައުންސިލުން މި ކޯހުގެ މި ބުރުގައި ފުރުސަތު ހުޅުވާލާފައި ވަނީ 30 ޖާގައަށެވެ. މި ޖާގަތަކަށް ފުރުޞަޠު ދޭއިރު އެ އަތޮޅުގެ ކޮންމެ ރަށަކަށް މަދުވެގެން ދެ ޖާގަ ދިނުމަށް އަތޮޅު ކައުންސިލުން ވަނީ ނިންމާފައެވެ. އަދި ކޮންމެ ރަށަކަށް ޚާއްޞަ ކުރެވޭ ފުރުސަތުތަކަށް މީހުން ކަނޑައަޅާނީ، މި ކޯހަށް ކުރިމަތިލާ އެރަށެއްގެ މީހުންގެ ތެރެއިން އެރަށެއްގެ ކައުންސިލުންނެވެ.

މި ކޯހުގެ ބައިވެރިންނަށް ތިބުމާއި ކެއުން ހަމަޖައްސައިދޭނީ ވެސް އަތޮޅު ކައުންސިލުންނެވެ.

މި ކޯހާއިގުޅިގެން ށ.އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ސިިޔާމް (ސިޔާންޓޭ) ''ތިލަދުން'' އަށް ވިދާޅުވީ، މިފަދަ ކޯހެއް އެ އަތޮޅުގައި ކުރިއަށް ގެންދަން ނިންމީ އަތޮޅުގެ ރަށްތަކުގައި ފުޓްސަލް އަކީ ފޯރިއާއެކުކުޅޭ، ރަށާއި އަތޮޅު ފެންވަރުގެ މުބާރާތްތައް ވެސް ބާއްވާ ކުޅިވަރަކަށްވާއިރު، މުބާރާތްތައް ކުރިއަށް ގެންދަން ރެފްރީންގެ ދަތިކަން ކުރިމަތިވެފައިވާތީ ކަމަށެވެ.

މީގެ އިތުރުން އަތޮޅު ކައުންސިލްގެ ބަޖެޓް ތައްޔާރުކުރި މަރުހަލާގައި، ޒުވާނުންގެ ޚިޔާލު ހޯދިއިރު، އެކަމަކީ ޒުވާނުން އެދިފައިވާ ކަމެއްކަމަށް ސިޔާމް ވަނީ ފާހަގަކުރަށްވާފައެވެ.

''އަތޮޅުފެންވަރުގައި ލިބޭ ޚިޔާލުތަކަށް ބަލައި، އަޅުގަނޑުމެންނަށް ކުރެވެން އޮންނަ ކަމެއް ކޮށްދިނުމަށް އަތޮޅު ކައުންސިލުން ވަރަށް އިސްކަމެއްދެން، މި ކޯހަކީ މިގޮތަށް ހިންގޭ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް، އަނެއްކޮޅުން އަތޮޅުގެ ޒުވާނުންނަށް ކޮންމެސް ވަރެއްގެ އާމްދަނީއެއްލިބި، މިއަކީ މިރޮނގުން ކުރިއަށްދާން ހުޅުވާލެވޭ އިތުރު ދޮރެއްކަމަށް ކައުންސިލުން ދެކެނީ'' ސިޔާމް ވިދާޅުވިއެވެ.

މި އަންނަ ޖުލައި މަހުގެ 3 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަކަށް ކުރިއަށް ގެންދަން ނިންމާފައިވާ މިކޯސް ކުރިއަށް ގެންދަން ނިންމާފައި ވަނީ ށ.އަތޮޅުގެ ވެރިރަަަށް ފުނަދޫގައެވެ.

މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 23 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި