ރައީސް މުއިއްޒުއާ އެކު ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރެވުނު: ޖައިޝަންކަރު

IMG_6019

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނާ ބައްދަލު ކުރައްވައި ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރެއްވުނު ކަމުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު މިއަދު ވިދާޅުވެއްޖެއެވެ.

އެކްސްޓާނަލް އެފެއާޒް މިނިސްޓަރުކަމަށް ދެވަނަ ދައުރަކަށް ހުވާ ކުރެއްވުމަށް ފަހު ބޭއްވެވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ވަރަށް ކުރުކޮށް ޖަވާބު ދެއްވަމުން ޖައިޝަންކަރު ވިދާޅުވީ އޭނާ އަށް ލިބިފައިވާ ތަޖުރިބާ އާއި ކުރެއްވި މަޝްވަރާތަކުގެ އަލީގައި ރައީސް މުއިއްޒާ އެކު ވަރަށް ރަނގަޅު ބައްދަލުވުމެއް ބޭއްވެވި ކަމަށެވެ. އަވަށްޓެރި ގައުމުތަކާ އެކު އޮންނަ ގުޅުން ރަނގަޅު ކުރުމަކީ އިންޑިއާ އިން އަބަދުވެސް އިސްކަން ދޭނެ ކަމެއް ކަމުގައި ޖައިޝަންކަރު ވިދާޅުވިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ކަމަށް ތިންވަނަ ދައުރަކަށް މިދިޔަ އާދިއްތަ ދުވަހު ހުވާކުރެއްވި ނަރެންދުރަ މޯދީ އެކުލަވައިލި އާ ސަރުކާރުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ކަމުގެ ހުވާ ޖައިޝަންކަރު ހުވާ ކުރެއްވި އިރު، ޖައިޝަންކަރަކީ މޯދީ އެންމެ އިތުބާރު ކުރައްވާ އެއް މިނިސްޓަރެވެ. އޭނާ އަކީ މިދިޔަ ދައުރުގައި ވެސް އެ މަގާމުގައި ހުންނެވި ބޭފުޅާއެވެ.

ޖައިޝަންކަރު ވަނީ ތިން ފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެންފައެވެ.

ރައީސް މުއިއްޒު އިންޑިއާ އަށް ވަޑައިގެންނެވީ މޯދީގެ ހާއްސަ ދައުވަތަކަށެވެ. މިއީ ރައީސް މުއިއްޒު އިންޑިއާ އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި މޯދީ އާއި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ޖައިޝަންކަރު އާ ވެސް ބައްދަލު ކުރައްވައި މަޝްވަރާތައް ކުރެއްވިއެވެ.

މޯދީ މަގާމުގެ ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރު ގައުމުތަކުގެ ވެރިންގެ ޝަރަފުގައި އެ ގައުމުގެ ރައީސް ދެއްވި ޖާފަތުގައި ވެސް ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ޖާފަތުގައި މޯދީގެ އެންމެ އަރިހުގައި ހުންނެވި އެއްބޭފުޅަކީ ވެސް ރައީސް މުއިއްޒެވެ. ދެން ހުންނެވީ ސްރީ ލަންކާގެ ރައީސް ރަނިލްއެވެ.

މޯދީ މަގާމުގެ ހުވާކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފަހު ރައީސް މުއިއްޒު މިއަދު ހެނދުނު ވަނީ ރާއްޖެ ވަޑައިގެންފައެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި