ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ސާބިތުކޮށްދެއްވީ އެ މަނިކުފާނުގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ފޮނަދޫ ދާއިރާގެ މެންބަރު އަބުދުއްރަޙީމް ޢަބުދުﷲ އަދުރޭ ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ އިއްތިހާދުގެ ވެރިކަންކުރާ ޕާޓީ، ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާމަންގެ ގޮތުގައި ވެސް ހުންނެވި އަބުދުއްރަޙީމް މިހެން ވިދާޅުވީ، ރައީސް މުޢިއްޒު އާއި ހިންދުކަރައިގެ (އިންޑިއާގެ) ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ބައްދަލުކުރެއްވި ބައްދަލުކުރެއްވުމުގެ ފޮޓޯއެއް ހިއްސާކުރަށްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

މަޖިލިސް ރައީސްކަމަށް އިންތިޚާބުވެވަަޑައިގަންނަވަންދެން ރައީސް މުޢިއްޒުގެ ޚާއްޞަ މުޝީރުގެ ގޮތުގައި ވެސް ހުންނެވި އަދުރޭގެ ޕޯސްޓްގައި ވަނީ، ރައީސް މުޢިއްޒު މިއަދު ސާބިތުކޮށްދެއްވީ އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަންކަމަށް ވިދާޅުވެ، ރައީސް މުޢިއްޒަށް ޝުކުރު އަދާކުރަށްވާފައެވެ.

ހިންދުކަރައިގެ ބޮޑުވަޒީރު މޯދީއާ، ރައީސް ބައްދަލުކުރަށްވާފައި ވަނީ މޯދީ އާއި އެ ކަރައިގެ ސަރުކާރު ހިންގާ އިއްތިހާދުގެ ވަޒީރުން ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ކަރައަށް ކުރަށްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ހިންދުކަރައިގެ ބޮޑުވަޒީރު މޯދީއާ، މޯދީގެ ސަރުކާރު ހިންގާ އިއްތިހާދުގެ ވަޒީރުން ހުވާކުރެއްވުގެ ރަސްމިއްޔާތުގައި އޮތީ އިއްޔެއެވެ.

މިއީ މޯދީ ހިންދުކަރައިގެ ބޮޑުވަޒީރުކަން ޖެހިޖެހިގެން ކުރަށްވާ ތިންވަނަ ދައުރެވެ. އަދި މޯދީއަކީ ކަރައިގެ ކުރީގެ ބޮޑުވަޒީރެއްކަމުގައިވާ ޖަވާހަރްލާލް ނެހްރޫއަށްފަހު ތިން ވަނަ ދައުރަކަށް އެކަރައިގެ ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ބޮޑުވަޒީރެވެ.