އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދު ކުރަމުންދާތީ އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ގާނޫނަށް އިސްލާހު ގެނައުމަށް އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާ ބިލު، ސިޔާސީ ގޮތުން ފިތުނައަށް ޖާގަ ނުދީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީ އަށް ފޮނުވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ތާއީދު ކުރަށްވައިފިއެވެ.
އެ ބިލުގެ ބަހުސްގައި ޕީއެންސީގެ ޕީޖީލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާޙީމް ފަލާޙް ވަނީ އެ ބިލު މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީ އަށް ފޮނުވުމަށް ގޮވައިލައްވާފައެވެ. ޤާސިމް ވަނީ ފަލާހަށް ތާއީދު ކުރަށްވާފައެެވެ.
އިސްރާއީލްގެ ޕާސްޕޯޓުގައި އަދި އިސްރާއީލް މީހުން އެހެން ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވުމުގެ ހުއްދަ ދިނުން މަނާކޮށް އިމިގްރޭޝަން ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރައްވަމުން ގާސިމް ވިދާޅުވީ އުމްރާ އަށް ދާ ތިން ހަރަމުގެ ތެރެއިން އެއް ހަރަމު ހުންނަ ބިމެއްގައި ދިރިއުޅޭ ޔަހޫދީންނަށް ރާއްޖެ އަށް ނާދެވޭ ގޮތް ހެދުމުގެ ކުރިން ވަރަށް ބޮޑަށް ވިސްނާލަން ޖެހޭ ކަމަށެވެ.
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކައިލް އަހުމަދު ނަސީމް، އެ ބިލް ހުށަހެޅުއްވީ ދިރާސާކުރަން ޖެހޭ މިންވަރަށް ދިރާސާނުކޮށް ވިސްނަން ޖެހޭ ވަރަށް ނުވިސްނާ ކަމަށެވެ. އަދި މަޖިލިހުން ނިންމާ ނިންމުން ވާން ވާނީ ރާއްޖޭގެ މުސްތަގުބަލަށާއި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ނިންމާ ނިންމުމަކަށް ކަމުގައި އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ ސިޔާސީ ގޮތުން ޕީއެންސީގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި ރައްޔިތުންގެ ހިތުގައި ނަފްރަތުގައި އުފެއްދުމަށްޓަކައި އެކުލަވާފައިވާ މައްސަލައެއް" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މީކައިލްގެ ބިލާ ދެކޮޅު ކަމަށާއި އެއީ ވިސްނަން ޖެހޭ ވަރަށް ނުވިސްނާ ހުށަހެޅުއްވި ބިލެއް ކަމަށެވެ.
"މިއަދުގެ ސަރުކާރުން މިކަމާ މެދު ގެންގުޅޭ ވިސްނުންފުޅަށް އެއްޗެއް ދަންނަވާކަށް ނެތިން. ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ހޮވިފައި ތިބި ބަޔަކީ މި މަޖިލީހުގެ މެންބަރުން. މި މަޖިލީހުން ނިންމުން ވާން ވާނީ ދިވެހިރާއްޖޭގެ މުސްތަގްބަލަށާއި އަޅުގަނޑުމެންގެ ސަލާމަތް ކަމަށާއި ރައްކާތެރިކަމަށް ކުރަން ޖެހޭ ކަމަކަށް ވާން ޖެހޭނެ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ދިވެހިން ސަލާމަތުން ނެތް ނަމަ އެއްވެސް ކަމެއް ނެތް ކަމަށާއި މި ނިންމުން ނިންމަން ޖެހޭނީ ކެތްތެރިކަމާއެކު ޖަޒުބާތުގައި ނުޖެހި ކަމަށެވެ.
"ވަރަށް ކެތްތެރިކަމާ އެކީގައި މި ފިޔަވަޅު އަޅަން ޖެހޭނީ."
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!