މި މަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ފްރާންސުން ކުޅުނު އެކުވެރިކަމުގެ މެޗުގައި ފަސޭހަކަމާއިއެކު ލަގްޒެމްބާގް ބަލިކޮށްފިއެވެ. މި މެޗުގައި ފްރާންސުން ކާމިޔާބު ކުރީ 3-0 ގެ ނަތީޖާއިންނެވެ.
ރޭ މެޗުގައި ފްރާންސް ޓީމުގައި ކެޕްޓަން ކިލިއަން އެމްބާޕޭގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ފްރާންސުން ޖެހި ތިން ލަނޑުގައި އޭނާ ހިއްސާ އޮތެވެ. ފުރަތަމަ ދެ ލަނޑު ޖަހަން އެސިސްޓް ކޮށްދީ ތިންވަނަ ކަނޑު ޖެހީ އޭނާއެވެ.
މުޅި މެޗު ފްރާންސުން ކޮންޓްރޯލް ކުރިއެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ގްރިޒްމަންއަށް ލިބުނެވެ. އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ލަގްޒެމްބާގްގެ ގޯލުގެ ދަނޑިއަށެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ފްރާންސުން ވަނީ ލީޑު ނަގާފައެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު ހާފް ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ޖަހައިދިނީ ކޯލޯ މުއާނީއެވެ. މި ލަނޑު އޭނާ ޖަހާފައި ވަނީ އެމްބާޕޭ ލަގްޒެމްބާގްގެ އޭރިއާތެރެއަށް މަތިން ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ފްރާންސްގެ ދެވަނަ ލަނޑު 70 ވަނަ މިނެޓުގައި ޖަހައިދިނީ ޖޮނަތަން އެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ވެސް އެމްބާޕޭގެ އެހީތެރިކަމާއި އެކުއެވެ. މެޗުގެ ތިންވަނަ ލަނޑު 85 ވަނަ މިނެޓުގައި ބާކޯލާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ އެމްބާޕޭއެވެ.
ޔޫރޯގެ ކުރިން ފްރާންސުން އަދި ރަހުމަތްތެރި ކަމުގެ އެއް މެޗު ކުޅޭނެއެވެ. އަންނަ އާދީއްތަ ދުވަހުގެ ރޭ ފްރާންސް ބައްދަލުކުރާނީ ކެނަޑާއާއެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފްރާންސް ހިމެނެނީ ގްރޫޕް ޑީގައެވެ. އެ ގްރޫޕްގައި ހިމެނެނީ ނެދަލެންޑްސް، އޮސްޓްރިއާ، ޕޮލެންޑްގެ އިތުރުން ފްރާންސްއެވެ. ޔޫރޯގައި ފްރާންސް ކުޅޭ ފުރަތަމަ މެޗު އޮންނާނީ މި މަހު 17 ވާ ހޯމަދުވަހުގެ ރޭ ދަންވަރު 0000 ގައެވެ. އެ މެޗުގައި ފްރާންސް ނުކުންނާނީ އޮސްޓްރިއާ އާއި ދެކޮޅަށެވެ.