ށ. ކަނޑިތީމު އުޅިއަށި ބޯޓު މިއަދު ބިލެތްފަހީ ފަޅުތެރެއަށް އަޑިއަށް ގޮސްފައިވާއިރު، އެ ބޯޓުން ގެންދިޔަ ކާޑުގެ ބާވަތްތައް ސަލާމަތް ނުކުރެވުމުން، ކާޑުގެ ދަތިކަން ކުރިމަތިވި ރަށްތަކަށް ކާޑު ގެންދެވޭނެ މަގު ށ.އަތޮޅު ކައުންސިލްގެ އެހީތެރިކަމާއެކު ފަހިކޮށްދީފިއެވެ.
ކަނޑިތީމު އުޅިއަށި ބޯޓު މާލެ އިން ގެނައި މުދާ ހިފައިގެން ބިލެތްފަހި ކަނޑިންމައިން ވަދެގެން ދަނިކޮށް ބޯޓު ވަނީ ނެރުގެ އެއްފަރާތަށް ބީހިފައެވެ. މި ބޯޓު ބީހުމުގެ ސަބަބުން ލިބުނު ގެއްލުމުގައި ބޯޓަށް ދިޔަވާން ފެށިއެވެ. އެ ބޯޓު އަޑިއަށް ގޮސްފައި ވަނީ ބަނދަރު ތޮށިގަނޑާއި ކައިރިކުރެވުނު ފަހުން ބަނދަރު ތޮށިގަނޑު ކައިރިއަށެވެ.
މިހާދިސާގެ ސަބަބުން އެ ބޯޓުގައި ހުރި މުދަލުގެ ބޮޑު އިންސަތައެއް ވަނީ ސަލާމަތް ނުކުރެވިފައެވެ. އެތަކެތި ސަލާމަތްކުރަން ދޯނީގެ ފަޅުވެރިންނާއި، ބިލެތްފަހީގެ ކުދިބޮޑު އެންމެހާ ރައްޔިތުން ނުކުމެ މަސައްކަތްކުރިއެވެ.
މިހާދިސާގެ ސަބަބުން އެ ބޯޓުން އާންމުކޮށް މުދާ ގެންދާ ހަތަރު ރަށް ކަމަށްވާ ކަނޑިތީމު، ބިލެތްފަހި، ފޭދޫ އަދި ގޮއިދޫ އަށް މި ދަތުރު ގެންދިޔަ ކާޑުގެ ބާވަތްތައް ލިބޭގޮތްނުވެ، އެރަށްތަކަށް ކާޑުގެ ދަތިކަން ފޯރާފައިވުމުން ށ. އަތޮޅު ކައުންސިލުން އިސްނަގައިގެން އެ ރަށްތަކަށް ކާޑުގެ ބާވަތްތައް ގެންދަން ދޯންޏެއް މިހާރު ވަނީ ހަމަޖައްސާފައެވެ.
ކަނޑިތީމު އުޅިއަށި ބޯޓު ބިލެތްފަހި ފަޅުތެރެއަށް އަޑިއަށް ހިނގައްޖެ
ށ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް (ޝިޔާންޓޭ) ''ތިލަދުން'' އަށް ވިދާޅުވީ، އެރަށްތަކަށް ދިމާވެފައިވާ ކާޑުގެ ދަތިކަން ހައްލު ކުރުމަށް އެރަށްތަކުގެ އޭޖެންޓުންނަށް އެރަށްތަކަށް ކާޑު ގެންދިޔުމަށް ކައުންސިލްގެ ޚަރަދުގައި މިހާރު ދޯންޏެއް ހަމަޖައްސައިދީފައިވާ ކަމަށެވެ.
''މިހެން ދިމާވުމުން ރަށްޔިތުންނަށް ކުރިމަތިވާނެ ތަތިކަން ކުޑަކުރުމަށް އަޅުގަނޑުމެން އަތޮޅު ކައުންސިލުން ވާނީ ކަނޑިތީމު، ބިލެތްފަހި، ފޭދޫ އަދި ގޮއިދޫ އަށް ކާޑުގެ ބާވަތްތައް ގެންދެވޭނެ ގޮތަށް ކައުންސިލްގެ ޚަރަދުގައި މިހާރު ދޯންޏެއް ހަމަޖައްސައިދީފައި، މާދަމާ އެ ދޯނި ކާޑު ހިފައިގެން އެރަށްތަކަށް ދާނެ'' ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވިގޮތުގައި މިކަން ދިމާވުމުން އެރަށްތަކަށް ކާޑުގެ ބާވަތްތައް ގެންދަން އަތޮޅު ކައުންސިލުން ކުރި މަސައްކަތަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ އާއި އެސްޓީއޯއިން ވަނީ ބޮޑު އެހީތެރިކަމެއް ވެދީފައެވެ.
ޚާއްސަގޮތެއްގައި މިކަން ސަމާލުކަމަށް ގެނައުމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް މިކަމަށް ވަގުތުން އެޓެންޑްވެ، މަސައްކަތްކޮށްދެއްވިކަން ޝިޔާމް ވަނީ ފާހަގަކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!