ށ. ކަނޑިތީމު އުޅިއަށި ބޯޓު ގިނަ އަދަދެއްގެ މުދަލާއެކު އެ އަތޮޅު ބިލެތްފަހި ފަޅުތެރެއަށް އަޑިއަށް ހިނގައްޖެއެވެ.
ބިލެތްފަހި ކައުންސިލުން ބުނިގޮތުގައި އެ ބޯޓު އެރަށުގެ ކަނޑިންމައިން ވަދެގެން އަންނަނިކޮށް ބޯޓު ވަނީ ނެރުގެ އެއްފަރާތަށް ބީހިފައެވެ. އަދި ބޯޓު ނެރުގެ އެއްފަރާތަށް ބީހުމުގެ ސަބަބުން އެ ބޯޓަށް ދިޔަވާން ފެށިކަމަށް ކައުންސިލުން ބުންޏެވެ.
އެ ބޯޓަށް ލިބުނު ގެއްލުމުގެ ސަބަބުން ބޯޓުގައި ހުރި މުދާ ސަލާމަތްކުރުމަށް އެރަށުގެ ކުދިބޮޑު އެންމެހާ ރައްޔިތުން ނުކުމެ މަސައްކަތްކުރަމުން އަންނަކަމަށް ކައުންސިލުން ބުންޏެވެ.
އުޅި އަށި ބޯޓުން ގެނައި މުދާ ސަލާމަތްކުރުމުގައި ބިލެތްފަހި ރައްޔިތުން ހަރަކާތްތެރިވަނީ، ފޮޓޯ: ބިލެތްފަހި ކައުންސިލް
މި ބޯޓަކީ ށ. އަތޮޅުގެ ބައެއް ރަށްތަކާއި މާލެ އާއި ދެމެދު ދަތުރުކުރަމުން އަންނަ ބޯޓެކެވެ. އެ ބޯޓު ބިލެތްފައްސަށް ގޮސްފައި ވަނީ މާލެއިން އެރަށަށް ގެންދިޔަ މުދާ ހުސްކުރުމަށެވެ. ބިލެތްފަހި ނެރު އެއްފަރާތަށް ބީހު ނަމަވެސް ބޯޓު ވަނީ ބަނދަރު ތޮށިގަނޑާއި ކައިރިކޮށްފައެވެ.
ބިލެތްފަހި ރައްޔިތުންގެ އެހީތެރިކަމާއެކު އެ ބޯޓުގައި ހުރި މުދާތައް ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ ބޯޓު މިހާރު ވަނީ އެއްކޮށް އަޑިއަށް ގޮސްފައެވެ.
މި ބޯޓު ކަނޑިތީމުގެ އިތުރުން ބިލެއްފައްސާއި، ގޮއިދޫ އަދި ފޭދުއަށް ވެސް ދަތުރުކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!