ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ކޮނޑުގައި އެޅިފައި ވަނީ ބޮޑު ބިޔަ މަސައްކަތެއް ކަމަށާއި މި ކަންކަމާ މެދު މަޝްވަރާ އާއި ބަހުސްކޮށް އެންމެ ފައިދާ ހުރި ގޮތަށް ކަންކަން ނިންމަމުން ދިޔުމުގައި މަޖިލިސް ވަރުބަލިވުމެއް ނެތި ދެމިއޮންނާނެ ކަމުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސްގެ މަގާމަށް އިންތިހާބު ވެވަޑައިގަތުމަށް ފަހު އަބްދުއްރަހީމް ވިދާޅުވީ 20 ވަނަ މަޖިލީސް އެކުލަވާލެވުނީ ގައުމަށް މުހިންމު ދަނޑިވަޅެއްގައި ކަމަށާއި މި މަގާމަށް އެމަނިކުފާނުގެ ނަން ހުށަހެޅުއްވި ކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހިތުގެ ފުން މިނުން ޝުކުރު ދަންނަވާ ކަމަށެވެ. އަދި މި މަގާމަށް އިންތިހާބުކޮށް ދެއްވުމަށްޓަކައި ވޯޓު ދެއްވި ހުރިހާ މެމްބަރުންނަށް ވެސް ޝުކުރު އަދާކުރައްވާ ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ޒައާމަތުގައި އާ ސިޔާސަތުތަކާ އެކީގައި ނުކުންނެވީ އިންގިލާބީ ހެޔޮ ބަދަލެއް ރާއްޖެ އަށް ގެނެސްދެއްވުމުގެ އަޒުމުގައި ކަމަށެވެ. އެހެންކަމުން މި މަޖިލިސް ވެގެންދާނީ އެމަނިކުފާނުގެ މަސައްކަތްތަކާ ފިޔަވަޅު ހަމަކޮށްގެން ހިންގަން ވާނެ އަދި އެއްބާރުލުން ދޭނެ މަޖިލީހަކަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"މި ދަނޑިވަޅަކީ ގައުމެއްގެ ގޮތުގައި މުހިންމު ނިންމުންތަކެއް ނިންމަން ޖެހިފައި އޮތް ދަނޑިވަޅެއް. އިގްތިސާދުގެ އަސާސްތައް ފުޅާކުރުން. އާ މަސައްކަތްތަކާއި ފަންނުތަކާއި ވިޔަފާރިތައް އުފަން ކުރުން. ފައިސާ އާއި މާލީ ފުދުންތެރިކަން އިތުރު ކުރެވޭނެ ގޮތްތައް ހޯދުން. އުމްރާނީ ތަރައްގީގެ އާ ހަރުފަތްތަކެއް ތައާރަފް ކުރަމުން ގެންދިއުން،" ރާއްޖޭގައި ހުރި މަސްތުވާތަކެއްޗާއި އެ ނޫން ވެސް ބޮޑެތި މައްސަލަތައް ފާހަގަ ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ 20 ރައްޔިތުންގެ މަޖިލިސް އެކުލެވިގެން މިދަނީ ގައުމަށް ވަރަށް މުހިންމު ދަނޑިވަޅެއްގައި ކަމަށާއި މަޖިލީހުގައި ކުރާ ބަހުސްތަކުގައި ތަފާތު ހިޔާލުތަކަށް ޖާގަ އޮންނަންވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"އެހެންކަމުން މިތަނުގައި ދެކެވޭ ވާހަކަތަކާ، ކުރެވޭ ބަހުސްތަކާ ހިނގާ މަސައްކަތުގައި ތަފާތު ހިޔާލުތަކަށާއި ތަފާތު ވިސްނުންތަކަށާއި ތަފާތު ނަޒަރިއްޔާތުތަކަށް ފުރުސަތު ލިބެންވާނެ ކަމަށާއި، އެކަންކަމަށް ޖާގަ އޮންނަންވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން." އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ސަރުކާރަށް އެއްބާރުލުންދީ ސަރުކާރާއެކު ގޮތްނިންމަން ޖެހޭ ކަމަށާއި އާ ޤާނޫނުތައް އުފަންކޮށް، އިސްލާހުކޮށް އުވާލަންޖެހޭ ގާނޫނުތައް އުވާލާ، ގަވައިދުތައްވެސް ރަނގަޅަށް ބަލާ މަސައްކަތްތައް ކުރަންޖެހޭ ކަމަށެވެ.
މީގެ އިތުރުން ގައުމީ ބަހުސްތައް ހިނގާނެ އެންމެ އުސް އަދި އެންމެ އިސް މަޖިލީހަކީ ރައްޔިތުންގެ މަޖިލިސް ކަމަށާއި އަދި ރައްޔިތުންނާވެސް އެންމެ ގާތުން މަސައްކަތް ކުރާނީ ރައްޔިތުންގެ މަޖިލީހުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!