ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް "ސާކް" އިން އިންތިޒާމް ކޮށްގެން އިހަވަންދޫގައި ބޭއްވި، ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2024، ގެ ޗެމްޕިއަންކަން އެފްސީ ބޮޑުމަގުން ހޯދައިފިއެވެ.
ރޭ އިހަވަންދޫގައި ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރީ ބޮޑުމަގާއި އެންވީކޭއެވެ. މި މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ތަށު އުފުލާލީ ބޮޑުމަގުންނެވެ. މިއީ އިހަވަންދޫއަށް ނިސްބަތްވާ ބޮޑުމަގަށް މުބާރާތެއްގެ ޗެމްޕިއަންކަން ހޯދުނު ފުރަތަމަ ފަހަރެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާއަށް ހޮވުނީ ބޮޑުމަގު ޓީމްގެ ހަސަން ޝާމިލްއެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން
މުހައްމަދު މަދީހް – އެންވީކޭ
ހުޒައިފަތު ރަޝީދު - އެންވީކޭ
ޓީމް ނާވާދޫގެ އަހްމަދު ހަމީދު
އެފްސީ ބޮޑުމަގުގެ އިބްރާހިމް ސިމާހް
އެފްސީ ބޮޑުމަގުގެ ހަސަން އިރުޝާދު
މުބާރާތުގެ އެންމެ މޮޅު ކީޕަރަކަށް ހޮވުނީ ބޮޑުމަގުގެ އަހްމަދު ރިޒްކާންއެވެ. އެންމެ މޮޅު ކޯޗަކީ އެ ޓީމްގެ ކޯޗް، މުހައްމަދު އަރީބްއެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖަހައިގެން ރަންބޫޓް ކާމިޔާބުކުރީ ކުޅިމަގު ޓީމްގެ އަލީ އަލްސަންއެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަށް ނައިވާދޫ ހޮވުނުއިރު، 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމްގެ މުހައްމަދު ޝާއިންއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ (ކިންގް އޮފް ދި ޓޯނަމަންޓް) ބޮޑުމަގު ޓީމްގެ އިބްރާހީމް ޝިމާހްއެވެ.
މި މުބާރާތަކީ، ހއ. އިހަވަންދޫގެ ކްލަބެއްކަމަށްވާ، އިހަވަންދޫ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކަލްބް (ސާކް) އިންތިޒާމުކޮށްގެން ބޭއްވި މުބާރާތެކެވެ. މި އަހަރުގެ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖަކީ ސާކުން ބޭއްވި މިފަދަ ދެވަނަ މުބާރާތެވެ. މީގެ ފުރަތަމަ މުބާރާތް ބާއްވާފައި ވަނީ މިދިޔަ 2023 ވަނަ އަހަރުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!