ސަރުކާރުން އަބަދުވެސް ނޫސްވެރިންގެ ޚިދުމަތުގެ އަގުވަޒަންކުރާނެ: ނައިބު ރައީސް

ނައިބު ރައީސް ހުސެން، ޕީއެސްއެމްގެ އިސްވެރިންނާއި ބައެއް މުވައްޒަފުންނާއެކު، ފޮޓޯ: ރައީސް އޮފީސް
ނައިބު ރައީސް ހުސެން، ޕީއެސްއެމްގެ އިސްވެރިންނާއި ބައެއް މުވައްޒަފުންނާއެކު، ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން އަބަދުވެސް ނޫސްވެރިންގެ ޚިދުމަތުގެ އަގުވަޒަންކުރާނެކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް އަދި ދައުލަތުގެ މީޑިއާ ޕަބްލިކް ސާވިސް މީޑިއާގެ ޕީ.އެސް.އެމް ނިއުސްގެ ހަތް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

ޕީ.އެސް.އެމް. ނިއުސް އިން ރޭ ދުރަށް ދެއްކި މި ބަސްދީގަތުމުގައި ވާހަކަފުޅުދައްކަމުން ނައިބު ރައީސް ވިދާޅުވިގޮތުގައި މީޑިއާތައް އަމިއްލަ ފައި މައްޗަށް ތެދުވަން ލިބުމަކީ ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމެކެވެ. އަދި ނޫސްވެރިންނަށާއި މުޖުތަމަޢުގެ އެހެން އަފުރާދުންނަށް ވެސް ލިބޭނެ ހިތްހަމަޖެހުމަކީ ރައްޔިތުން އިތުބާރުކޮށްފައި ހޮވާ ސަރުކާރަކުން، އެ ރައްޔިތަކާ ދޭތެރޭގައި އަޅާލުން ގެންގުޅުން ކަމުގައި ވިދާޅުވިއެވެ.

ސަރުކާރުން އަބަދުވެސް ނޫސްވެރިންގެ ޚިދުމަތުގެ އަގުވަޒަންކުރާނެކަމުގެ ޔަޤީންކަން ދެއްވަމުން ނައިބު ރައީސް ވަނީ، ނޫސްވެރިންނާއި މީޑިއާތަކުގެ ކުރިއެރުމަށް ހުރި ދަތިތައް އިޙުސާސްކުރެއްވޭ ކަމުގައި ވިދާޅުވެފައެވެ.

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން މީޑިއާތަކަށް ދައުލަތުން އެހީވުމަށް ވަކި އުޞޫލެއް ކަނޑައަޅުއްވައި، މި ސަރުކާރަށް ލިބިފައިވާ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީއާއެކު، ފުރަތަމަ ފަހަރަށް ދަޢުލަތުން މީޑިއާތަކަށް ރައީސް ކަނޑައެޅުއްވި މިންވަރު ފޯރުކޮށްދެވިގެންދާނެކަމުގައި ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް ރައީސް މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ހުޅުމާލެއިން މީޑިއާތަކަށް މިހާރު ބިމެއް ހަމަޖައްސަވާފައިވާކަމަށާއި މީޑިއާތަކުން ބޭނުންވާގޮތަށް އެތަނުގައި މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފެށިފައިވާކަމުގައި ނައިބު ރައީސް ހުސެން ވަނީ ވިދާޅުވެފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި