މި އަހަރުގެ އަޟްހާ އީދު ފާހަގަ ކުރުމަށް ކުޅުދުއްފުށި ސިޓީގައި ބާއްވާ "ކުރުނބާ އީދުގެ މުބާރާތް 1445" ގައި ބައިވެރިވާން ހުޅުވާލައިފިއެވެ.
ކުޅުދުއްފުށީގައި އީދުވިލޭރެއާއި ދިމާކޮށް އީދުގެ (ކުރުނބާ އީދުގެ) ހެދުމަކީ ސަގާފީކޮށް ކުރަމުން އައި ކަމެކެވެ. އާންމުގޮތެއްގައި މިފަދަ އީދު ގެ ތައް ހުންނަނީ ގޭގޭގެ ހުސްތަނެއްގައި، އޭރު ކިޔާގޮތުންނަމަ ބޭރުގޭގައެވެ. ސައިޒުން ކުޑަކޮށް ހަދާފައި ހުންނަ އީދު ގެ ތަކަކީ މައްޗަށް އަށިއަޅައި އަށިމަތީ ކުނާއަޅައި މެދުގައި ވަސް މުޑިއެއް ޖަހައި ވަށައި ސާޅިއެލުވާފައި ނުވަތަ ދަމާފައި ހުންނަ އީދު ގެ ތަކެކެވެ. އަދި ކަރުދާސް ފޮއްޓެއްގައި ދިއްލުމަކާއިއެކީ އަރަބިން އީދު މުބާރަކް ލިޔެފައި ހުރެއެވެ. އަދި ޒަމާން ބަދަލުވަމުން އައި ވަރަކަށް އީދުތަކުގެ ވައްޓަފާޅިއާއި ދައްކުވައިދޭ މަންޒަރުތައް ބަދަލުވަމުން އައިސްފައި ހުރިކަން ފާހަގަ ކުރެވެއެވެ.
އީދު ގެ ތަކަށް ޒިޔާރަތްކުރާ ކުދިންނަށް މުރަނަ ރޮށި، ކާށި ފޮތި، ކަށިކެޔޮ ދީއުޅެއެވެ. އަދި ބިލެތްގަނޑެއް ހިފައިގެން ދިއުމުން އަންހެން ކުދިންނަށް ކުރުނބާ ލިބޭ އީދުގެތައް ވެސް ހުރެއެވެ. ނުވަދިހައިގެ އަހަރުތަކުގައި މި އީދު ގެ ތައް ޒަމާނީވެ އެކި ދިއްލުންތަކާއި އެކި ކޮންސެޕްޓައް ހަދާފައި ހުއްޓެވެ. އަދި ދެހާހުގެ އަހަރުތަކުގެ ތެރޭގައި އެއްކޮށް މި ހަރަކާތް ވަނީ ހުއްޓިގެން ގޮސްފައެވެ.
އީދު ގެ ހެދުމުގެ މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އީދު ފާހަގަ ކުރުމުގެ ތެރެއިން ފަންނުވެރިންގެ ހުނަރު ދައްކާލުމާއި، ޒުވާނުންގެ މެދުގައި މި ސަގާފަތް އާލާކޮށް ދިރުވުމާއި ރަށުގައި ކުލަގަދަކޮށް އީދު ފާހަގަ ކުރުމެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އަޟްހާ އީދު ވިލޭރޭ ނުވަތަ ކުރިއަށް އޮތް ޖޫން މަހުގެ 16 ވަނަ ދުވަހުގެ ރެއެވެ.
މި މުބާރާތުގައި ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ އެއްވަނަ އީދު ގެ އަށް 5000 (ފަސްހާސް) ރުފިޔާ، ދެވަނަ އީދު ގެ އަށް 3000 (ތިންހާސް) ރުފިޔާ، ތިންވަނަ އީދު ގެ އަށް 2000 (ދެހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 12 ވާ އާދީއްތަ ދުވަހުގެ ކުރިން، އެކަމަށް ފުރިހަމަ ކުރަންޖެހޭ އޮންލައިން ފޯމް މެދުވެރިކޮށް ރެޖިސްޓްރީ ވާން ޖެހެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!