ޒަވީ ބާސާގައި މަޑުކުރަން ނިންމައިފި

IMG_5462

ބާސެލޯނާގެ ކޯޗް ޒަވީ ހެންނާންޑޭޒް ބާސެލޯނާގެ ކޯޗުކަމުގައި މަޑުކުރަން ނިންމައިފިއެވެ.

އޭނާ ބާސާއާއިއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުއެވެ. ނަމަވެސް އޭނާގެ އިރުޝާދުގެ ދަށުން މި ސީޒަންގައި ބާސާގެ ނަތީޖާތައް ދައްވުމުގެ ސަބަބުން އޭނާ ވަނީ މި އަހަރުގެ ޖަނަވަރީ މަހު، ސީޒަން ނިމުމުން ބާސާގެ ކޯޗުކަން ދޫކޮށްލަން ނިންމާފައިވާ ކަމަށް ބުނެފައެވެ.

އެކަން ހާމަކޮށް އޭރު އޭނާ ބުނީ އެއްވެސް ސަބަބަކާއި ގުޅިގެން އޭނާގެ ނިންމުން ބަދަލު ނުވާނެ ކަމަށާއި، ބާސާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ނަމަވެސް އޭނާ ބާސާ ދޫކޮށްލާނެ ކަމަށެވެ.

1998 ވަނަ އަހަރުން ފެށިގެން 2015 އަހަރުގެ ނިޔަލަށް ބާސާގެ މިޑްފީލްޑްގައި މުހިންމު ދައުރެއް އަދާކުރި ޒަވީ އެޓީމް ދޫކޮށް އޭރު ބަދަލުވީ ގަތަރުގެ އަލް ސާދަށެވެ. އެ ޓީމްގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރުމަށް ފަހު ފަހުން ހުރީ އެ ޓީމްގެ ކޯޗުގެ މަގާމުގައެވެ. އެ ޓީމް ދޫކޮށް ބާސާގެ ކޯޗުކަމާއި އޭނާ ހަވާލުވީ 2021 ވަނަ އަހަރުގެ ނޮވެމްބަރ މަސް ތެރޭއެވެ. އެ ސީޒަންގެ ބާކީބައިގައި ވެސް އޭނާގެ އިރުޝާދުގެ ދަށުން ބާސާއިން ވަނީ މޮޅަށް ކުޅެފައެވެ. އެއަށްފަހު ޖެހިގެން އައި ސީޒަންގައި އޭނާ ވަނީ ބާސާއަށް ސްޕެނިޝް ލީގު ކާމިޔާބު ކޮށްދީފައެވެ.

މި ސީޒަންގައި ޒަވީގެ އިރުޝާދުގެ ދަށުން ބާސާއިން ނެރެފައިވަނީ ދަށް ނަތީޖާތަކެކެވެ. ޕީއެސްޖީ އަތުން ބަލިވެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން އެ ޓީމް ކެޓިއިރު، ލީގުގެ ދެވަނާގައި އެ ޓީމް އޮތީ އެއްވަނާގައި އޮތް ރެއާލަށް ވުރެ 11 ޕޮއިންޓް ފަހަތުގައެވެ. ލީގުގައި ބާކީ ކޮންމެ ޓީމަކަށް ހަ މެޗު އޮތްއިރު އޭގެ ތެރެއިން ތިން މެޗު ކާމިޔާބު ކޮށްގެން ރެއާލަށް ލީގު ތަށި ކާމިޔާބު ކުރެވޭނެއެވެ.

ޒަވީ ބާސާ ދޫކޮށްލަން ނިންމުމާއިއެކު އެ ޓީމުން އައިސްފައި ވަނީ ޒަވީ އެ ޓީމްގައި ބަހައްޓަން މަސައްކަތް ކުރަމުންނެވެ. އެ ގޮތުން ބާސާގެ ރައީސް ވަރަށް ބޮޑަށް އެ ޓީމުގައި ޒަވި ބަހައްޓަން ބޭނުންވާތީ ފާއިތުވި މުއްދަތުގައި ތަފާޓު މަޝްވަރާތައް ވަނީ ޒަވީއާއިއެކު ކޮށްފައެވެ. ޒަވީގެ ނިންމުން ބަދަލުކުރީ ދާދިފަހުން ރައީސް ލަޕޯޓާ އަދި ނައިބު ރައީސުންނާއި، އެހެނިހެން އިސްވެރިން ހިމެނޭހެން ވަނީ ޒަވީ އާއިއެކު ކުރެވުނު މަޝްވަރާތަކަށް ފަހުއެވެ. އެ މަޝްވަރާތައް ކުރިއަށް ގެންދިޔައީ ބާސެލޯނާގެ ރައީސް ލަޕޯޓާގެ ގޭގައެވެ. އެ ބައްދަލުވުމުގައި ލަޕޯޓާ ވަނީ ބާސެލޯނާގައި މަޑު ކުރުމަށް ޒަވީގެ ކިބައިން އެދިފަ އެވެ. އަދި ލަޕޯޓާގެ އެދުމަށް، ބާސެލޯނާގައި މަޑު ކުރަން ޒަވީ ވަނީ ނިންމައިފަ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *