ޖަރުމަނު ލީގުގައި މި ސީޒަންގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ބަޔާން ލެވަކޫސަން އިން ލީގު ނިންމައި ތާރީހީ ކާމިޔާބެއް ހޯދައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ލެވަކޫސަން އިން ވަނީ އޮއުސްބާގެ މައްޗަށް 2-1 ގެ ނަތީޖާއިން ކުރިހޯދާފައެވެ.

ޒަބީ އެލަންސޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ލެވަކޫސަން އިން ފަސް މެޗު އޮއްވައި ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ވަނީ ކަށަވަރު ކޮށްފައެވެ. ރޭ މެޗަށް ފަހު އެ ޓީމާއި ޝީލްޑް ހަވާލުކުރިއިރު، މިއީ އެ ޓީމްގެ ތާރީހުގައި ވެސް ލީގުގެ ޗެމްޕިއަންކަން ހޯދުނު ފުރަތަމަ ފަހަރެވެ.

Ad
rt

މިއީ އެއްގޮތަކަށް ވުރެ ގިނަ ގޮތްގޮތުން ތާރީހީ ކާމިޔާބެކެވެ. ލެވަކޫސަން އިން ޖަރުމަނު ލީގުގައި ކުޅުނު އެއް ވެސް މެޗަކުން ބަލިނުވެ ލީގު ނިންމާލިއިރު، އެ ޓީމް ވެފައިވަނީ އެއްވެސް މެޗަކުން ބަލިނުވެ ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ކްލަބަށެވެ.

ލެވަކޫސަން އިން ވަނީ ލީގުގައި ކުޅުނު 34 މެޗުގެ ތެރެއިން 28 މެޗުން މޮޅުވެ 6 މެޗު އެއްވަރު ކޮށްފައެވެ. ޔޫރަޕްގެ އެންމެ ވަރުގަދަ ފަސް ލީގަށް ބަލާއިރު މިއީ މި ކާމިޔާބީ ހޯދި ތިންވަނަ ޓީމެވެ. 2003/04 ވަނަ ސީޒަންގައި އާސެނަލުން ވަނީ އެއްވެސް މެޗަކުން ބަލިނުވެ ޕްރިމިއާ ލީގު ކާމިޔާބު ކޮށްފައެވެ. އާސެނަލުން ލީގުގައި ކުޅުނު 38 މެޗުގެ ތެރެއިން 26 މެޗުން މޮޅުވިއިރު 12 މެޗު ނިމުނީ އެއްވަރު ވެގެންނެވެ. 2011/12 ވަނަ އަހަރު ޔުވެންޓަސް އިން ވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އިޓާލިއަން ލީގު ކާމިޔާބު ކޮށްފައެވެ. އެ ޓީމުން ކުޅުނު 38 މެޗުގެ ތެރެއިން 23 މެޗުން މޮޅުވިއިރު 15 މެޗު ނިމުނީ އެއްވަރު ވެގެންނެވެ.

މި ސީޒަންގައި އާދަޔާ ހިލާފް މޮޅަށް ކުޅެމުން އަންނަ ލެވަކޫސަން އިން މުޅި ސީޒަންގައި ވެސް އަދި ބަލިވެފައި ނުވެއެވެ. އެ ޓީމުން ވަނީ ބަލިނުވެ އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް ވެސް މުގުރާލާފައެވެ. އެ ޓީމުން ބަލިނުވެ މިހާރު 51 މެޗު ކުޅެފައިވާއިރު، ކުރިން މި ރެކޯޑް އޮތީ 1963 އިން 1965 އަށް ބަލިނުވެ 48 މެޗު ކުޅުނު ޕޯޗުގަލްގެ ބެންފީކާގެ އަތުގައެވެ.

މުޅި ސީޒަން ބަލިނުވެ ނިންމާލަން ލެވަކޫސަން އަށް ދެން ބާކީ އޮތީ އެންމެ ދެ މެޗެވެ. އެއީ ޖަރުމަނު ކަޕްގެ ފައިނަލު މެޗާއި ޔޫރޮޕާ ލީގުގެ ފައިނަލް މެޗެވެ. މި ދެ މެޗުން ދެ ތަށި ހޯދައި، ސީޒަންގައި ތިން ތަށި ހޯދުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ.

ރޭ ޖަރުމަނު ލީގުގެ ފަހު މެޗުތައް ކުޅެފައިވާއިރު، ކުޅުނު 34 މެޗުން 90 ޕޮއިންޓް ހޯދައިގެން އެއްވަނާގައި އޮތީ ލެވަކޫސަން އެވެ. ދެވަނާގައި އޮތީ ސްޓުޓްގާޓެވެ. އެ ޓީމަށް 34 މެޗުން 73 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނާގައި ބަޔާން އޮތީ 72 ޕޮއިންޓާއި އެކުއެވެ. ހަތަރު ވަނާގައި އޮތް ލެއިޕްޒިގަށް 34 މެޗުން ލިބިފައިވަނީ 65 ޕޮއިންޓެވެ. ބްރޫޝިއާ ޑޯޓްމަންޑް އޮތީ ފަސްވަނާގައެވެ.