ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަލަސްތީނުގެ ޣައްޒާ އަށް އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފިއެވެ.

އެޗްޑީސީން މި ފައިސާ ހަވާލުކޮށްފައި ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާއެވެ. އައިއޭސީއަކީ ޣައްޒާ އާއި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅެމުން އަންނަ ނިކަމެތި ރައްޔިތުންނަށް އެހީވުމަށް އުފައްދާފައިވާ ދިވެހި ޖަމިއްޔާއެކެވެ.

Ad
rt

އައިއޭސީން އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި ބުނީ ސަދަގާތުގެ ގޮތުގައި އެޗްޑީސީން އެއް މިލިއަން ރުފިޔާ އެ ޖަމިއްޔާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އެފަދަ ކަންކަމުގައި އެޗްޑީސީން ވެދޭ އެހީތެރިކަމަށް ޝުކުރު އަދާ ކުރާ ކަމަށް ވެސް އައިއޭސީން ބުންޏެވެ.

އެޗްޑީސީން ހަވާލުކުރި އެހީގެ ފައިސާ، އޭގެ ހައްގުވެރި ފަރާތްތަކަށް ފޯރުކޮށްދީ ތަފްސީލު އާންމުކުރާނެ ކަމަށް ވެސް އައިއޭސީން ބުންޏެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި ފަލަސްތީނުގެ 33،000 އަށް ވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި އެ ހަމަލާތަކުގައި މިހާތަނަށް އައިއިރު 76،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލައިފައެވެ.