ސަން ކުންފުނިން އަމާންދީ, ހިލްޓަނަށް 480 މިލިއަން ދައްކައިފި

ސަން ކުންފުނީގެ ވެރިޔާ ސިޔާމް މަޖިލީހުގައި، ފޮޓޯ: މަޖިލިސް
ސަން ކުންފުނީގެ ވެރިޔާ ސިޔާމް މަޖިލީހުގައި، ފޮޓޯ: މަޖިލިސް

ސަން ޓްރެވަލްސް ކުންފުންޏާއި ރާއްޖެއިން ބޭރުގެ ހިލްޓަން ކުންފުންޏާ ދެމެދު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލާގައި އާބިޓްރޭޝަންގެ އެންގުމާ އެއްގޮތަށް ސަން ކުންފުނިން އެންމެ ފަހުން އަމާންދީ, 31 މިލިއަން ޑޮލަރު (480 މިލިއަން ގިނަ ރުފިޔާ) ހިލްޓަނަށް ދައްކައިފި އެވެ.

އެމްޑީއޭގެ ލީޑަރު އަދި މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަސު ސިޔާމް މުހައްމަދުގެ ސަން ކުންފުނިން އިރުފުށި ހިންގުމުގެ މެނޭޖްމަންޓް އެއްބަސްވުން 2013 ވަނަ އަހަރު ބާތިލްކުރި މައްސަލާގައި ސިންގަޕޫރު އާބިޓްރޭޝަނުން އޮތީ 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސަން ކުންފުނީގެ މައްޗަށް އަމުރުކޮށްފަ އެވެ. އެ ފައިސާ ނުދައްކާތީ ހިލްޓަނުން ރާއްޖޭގެ ކޯޓުތަކުގައި އެ ނިންމުން ތަންފީޒުކުރަން މަސައްކަތްކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ.

ސަން ޓްރެވަލްސްއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އާބިޓްރަލް އެވޯޑާއި އިންޓްރެސްޓް ހިމެނޭ ގޮތަށް 31 މިލިއަން ޑޮލަރު އެ ކުންފުނިން ހިލްޓަނަށް ދައްކާފައިވާ ކަމަށެވެ. ގާނޫނީ ހަރަދާއި ގޮތުގައި އެ ކުންފުނިން 5.6 މިލިއަން ޑޮލަރު ހޭދަކުރަން ޖެހުނު ކަމަށް އެ ބަޔާނުގައިވެ އެވެ.

ސަން ޓްރެވަލްސްގެ ބަޔާނުގައިވާ ގޮތުން ހިލްޓަނާ އެކު ހެދި އެއްބަސްވުން ބާތިލްކުރަން ޖެހުނީ އިރުފުށި ރިސޯޓް ހިންގައިގެން ލިބޭނެ ކަމަށް ހިލްޓަން ކުންފުނިން ބުނެފައިވާ އާމްދަނީ ނުލިބި، ހަރަދު ބޮޑުކޮށް ރިސޯޓް ހިންގަން ޖެހުމުންނެވެ.

ސަން ޓްރެވަލްސް އިން ބުނިގޮތުގައި، ރިސޯޓް ހިންގައިގެން ލިބޭނެ ކަމަށް ހިލްޓަނުން ލަފާކުރި އާމްދަނީ ނުލިބުމުން ސަން ކުންފުނިން ދައުލަތުގެ އިދާރާތަކަށް ފައިސާ ދެއްކީ ވެސް ސަންއާ ގުޅުން ހުރި އެހެން ކުންފުނިތަކުގެ އެހީތެރިކަމާ އެކު އެވެ. އޭގެ ސަބަބުން ކުންފުނީގެ ލޯނުތައް ރީޝެޑިއުލް ކުރުން ފަދަ ފިޔަވަޅުތައް އަޅަން ޖެހުނުއިރު ވެސް ސަންގެ ފައިސާ އިން ހިލްޓަނުން ރިސޯޓް ހިންގަމުން ދިޔައީ އިސްރާފު ބޮޑުވާ ގޮތަށް އަދި އެކަށީގެން ނުވާ ގޮތަށް މަކަރުވެރި ގޮތެއްގައި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވަނީ ހިލްޓަންގެ އަމަލުތަކުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ސަން ކުންފުނިން އަދިވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހިލްޓަނަށް ފައިސާ ނުދިން މައްސަލާގައި އެ ކުންފުނިން ރާއްޖޭގެ ކޯޓުތަކަށް ގިނަ މައްސަލަތަކެއް ހުށަހެޅި އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި