ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ހޮވުން މިރޭ

ހއ. އެންމެ އަލިގަދަ ތަރި މުބާރާތް 1445ގެ ގަދަ ފަސް ބައިވެރިން، ފޮޓޯ: މިޑްލް ސްޕޯޓްސް ކްލަބް
ހއ. އެންމެ އަލިގަދަ ތަރި މުބާރާތް 1445ގެ ގަދަ ފަސް ބައިވެރިން، ފޮޓޯ: މިޑްލް ސްޕޯޓްސް ކްލަބް

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ "ދި-ފައުންޑޭޝަން ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445" ގެ ގްރޭން ފިނާލޭ ޝޯ މިރޭ އޮންނާނެއެވެ.

މުބާރާތުގެ ފައިނަލުގެ ފުރަތަމަ ކިޔުން ރޭ ބާއްވާފައިވާއިރު، މުބާރާތުގެ ގްރޭން ފިނާލޭ މިރޭ އޮންނާނެއެވެ. މިރޭ ޝޯގައި ވެސް ފަސް ބައިވެރިންގެ ކިޔެވުންތައް ފެނުގެންދާނެއެވެ. މިގޮތުން ކޮންމެ ބައިވެރިއަކަށް ބަލައިގެން ކިޔުމުން ސުވާލަކާއި ނުބަލާ ކިޔުމުން ސުވާލެއްގެ އިތުރުން ދީނީ އިލްމުންނާއި ޤުރުއާނުގެ ބައިން އަވަސް ސުވާލުބުރެއް ކުރިއަށް ގެންދެވޭނެއެވެ.

އެއަށްފަހު މުބާރާތުގެ ނަތީޖާ ފާޅުކުރުން މިރޭ ޝޯގައި އޮންނާނެއެވެ. ހއ.އަތޮޅު އެންމެ އަލިގަދަ ތަރިއަކަށް ހޮވިގެންދާނީ ފައިނަލްގެ ދެ ޝޯއިން ހޯދި މާކްސް އެއްކޮއްލުމުން އެންމެ މަތިން މާކްސް ލިބޭ ފަރާތެވެ.

ފައިނަލުގެ ފުރަތަމަ ޝޯ ފަށާނީ މިރޭ 21:20 ގައެވެ. ޝޯ ކުރިއަށް ދާނީ ހއ.އަތޮޅު ތައުލީމީ މަރުކަޒުގެ ތިލައުތުރު މާލަމުގައެވެ.

މި މުބާރާތުގެ އެއްވަނައަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި ވަނީ ތިން އުމްރާ ދަތުރު ދިނުމަށް ނިންމާފައެވެ. އަދި މީގެ އިތުރުން ވެސް ވަނަތައް ހޮވައި އަގުހުރި އިނާމްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔެވުން އަޑުއައްސަވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާއިރު، ވަޑައިގަންނަވާ ކޮންމެ ފަރާތަކަށް ކޫޕަނެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ގުރުއަތުން ހޮވޭ ފަރާތްތަކަށް ވެސް އަގުހުރި އިނާމްތައް ލިބިގެންދާނެއެވެ.

މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ އަތޮޅުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމާއި ތަޖުވީދުގެ ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ޤުރުއާން ކިޔަވަން ދަންނަ ބަޔަކު އަތޮޅުގައި އުފެއްދުމާއި ޤުރުއާން އުނގެނުމާއި އުނގައްނައި ދިނުމާއި ތަރުތީލުކޮށް ކިޔެވުމުގެ ގާބިލްކަން އުފެދޭނޭފަދަ ވާދަވެރި މާހައުލެއް އުފެއްދުމާއި ޤުރުއާން ހިތުދަސް ކުރުމުގެ ރޫހް ރަށަގެންނެވުމުގެ އިތުރުން ޤުރުއާނުގެ އެކި ފަންނުތަކަށް އަހުލުވެރި ކުރުވުމެވެ. އެ އަތޮޅުގައި ހާފިޒުން އުފެއްދުމާއި ރާއްޖެއާއި ރާއްޖެއިން ބޭރުންލިބޭ ޤުރުއާން މުބާރާތްތަކުގައި އެ އަތޮޅު ތަމްސީލްކުރާނޭ ދަރިންތަކެއް ތައްޔާރު ކުރުމަކީ ވެސް މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަގުސަދެކެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތިލަދުންއެވެ. މުބާރާތުގެ އެންމެ ތާޒާ ހަބަރުތައް "ތިލަދުން" އިން ގެނެސްދޭނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި