ތިލަދުންމަތީ އުތުރުބުރީ އުތީމް ކައުންސިލާއި އެރަށުގެ ޖަމިއްޔާއެއްކަމަށްވާ ވިންގާރސް ގުޅިގެން ކުރިއަށް ގެންދިޔަ "އުތީމް އެންމެ އަލިގަދަތަރި" ޤުރުއާން މުބާރާތުގެ ފަހުރުވެރި އެއްވަނަ މަރްޔަމް އަނާޔާ ހަބީބް ހޯދައިފިއެވެ.

މި މަހު 19 ވަނަ ދުވަހު ފެށި މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ތިން ބުރަކަށް ބަހާލައިގެންނެވެ. މުބާރާތުގެ އެންމެ މޮޅު ހަތް ބައިވެރިންނާއިއެކު ފައިނަލް ޝޯ ބާއްވާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރެއެވެ.

Ad
rt

ފައިނަލް ޝޯގައި އެންމެ މަތިން މާކްސް ހޯދައި އުތީމްގެ އެންމެ އަލިގަދަ ތަރިއަކަށް ހޮވިފައި ވަނީ މަރްޔަމް އަނާޔާއެވެ. ދެވަނަ އަހްމަދު ޝިޔާފް ހޯދިއިރު، ތިންވަނަ ހޯދީ އައިމިނަތު އައިޝާންއެވެ. މުބާރާތުގެ ހަތަރުވަނަ އައިޝަތު ޝާޔާ، ފަސްވަނަ އައިޝަތު ނަޔާލް، ހަވަނަ މުހައްމަދު އައިލަމް ހޯދިއިރު ހަތްވަނަ ހޯދީ އަހްމަދު މާޒިލްއެވެ.

މުބާރާތުގެ އެއްވަނަ އަށް ވަނީ އުތީމް އެންމެ އަލިގަދަ ތަރީގެ ޝީލްޑާއި 8000 (އަށްހާސް) ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން އުމްރާ ދަތުރެއް ދީފައެވެ. އުމްރާ ދަތުރު ހަމަޖައްސައި ދީފައިވަނީ ނަވާ ހައްޖު އުމްރާ ގްރޫޕްގެ ފަރާތުންނެވެ.

މި މުބާރާތާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން އުތީމް ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު ބުނީ ނިންމާމިލެވުނީ ކާމިޔާބު މުބާރާތެއް ކަމަށާއި، އަންނަ އަހަރުގެ ރަމަޟާން މަހުވެސް މި މުބާރާތް އޮންނާނެ ކަމަށާއި، އުންމީދަކީ މިއަށްވުރެ ފެންވަރު ރަނގަޅު އަދި އިނާމުތައް ވެސް ބޮޑު މުބާރާތެއް ބޭއްވުން ކަމަށެވެ. އޭނާ އިތުރަށް ބުނީ ކައުންސިލުގެ އަމާޒަކީ ޤުރުއާނުގެ އިލްމުގައި އުތީމްގެ ދަރިންނަކީ އަތޮޅާއި ގައުމީ ފެންވަރުގައި ވެސް ވާދަކުރެވޭ ފެންވަރު ހުރި ކުދިންނަށް ހެދުން ކަމަށާއި، ﷲ ގެ ރަހުމަތާއިއެކު އެކަން ކާމިޔާބުވަމުން އަންނަ މަންޒަރު ފެންނަމުން އަންނަ ކަމަށެވެ.

މި މުބާރާތް ކާމިޔާބުކަމާއިއެކު ކުރިއަށް ގެންގޮސް ނިންމާލެވުމުގައި އެހީތެރިވި އެންމެހާ ފަރާތްތަކަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ. ވިންގާސްއަށް ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.