ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ނެއްލައިދޫ އަލިގަދަތަރި ޤުރުއާން މުބާރާތް 1445 " ގެ ފައިނަލަށް ބައިވެރިން ހޮވައިފިއެވެ.
މުބާރާތުގެ ފައިނަލަށް ބައިވެރިން ހޮވާފައި ވަނީ މިދިޔަ ހަފްތާ ބަންދުގައި ބޭއްވި މުބާރާތުގެ ދެވަނަ ބުރަށް ފަހުއެވެ. އެ ބުރުގައި 13 ބައިވެރިން ވަނީ ކިޔަވާފައެވެ. ފައިނަލުން ފުރުސަތު ލިބިފައި ވަނީ އެ ބުރުން އެންމެ މަތިން މާކްސް ހޯދި ފަސް ބައިވެރިންނެވެ. އެ ބައިވެރިންނަކީ:
- އާޢިޝަތު މަލްދާ / ވާދީ
- އީމާ މުޙައްމަދު ޢިމާދު / އަމާޒު
- މިންހާ ޢަބްދުލްމުޙައިމިން / ސެވަންސްޓަރ
- ޢާއިޝަތު ސަހާ / ސެވީނާ
- ޢައިޝަތު ރައިޝާ / ސޯސަންވިލާ
މުބާރާތުގެ ފައިނަލް ވެސް ކުރިއަށް ގެންދަން ރާވާފައި ވަނީ ދެ ބުރަކަށް ބަހާލައިގެންނެވެ. ފައިނަލުގެ ފުރަތަމަ ރޭގެ ކިޔުން އޮންނާނީ މި ހަފްތާ ބުރާސްފަތި ދުވަހުގެ ރެއެވެ. ފައިނަލުގެ ދެވަނަ ރޭގެ ކިޔުމާއި ނަތީޖާ ފާޅުކޮށް އެންމެ އަލިގަދަތަރި ހޮވުން އޮންނާނީ ހުކުރު ދިވަހުގެ ރެއެވެ.
މުބާރާތުގެ އެއްވަނައަށް ހޮވޭފަރާތަށް "ނެއްލައިދޫ އަލިގަދަތަރި ޝީލްޑް" އާއި 30000 (ތިރީސްހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެވަނައަށް ހޮވޭ ފަރާތަށް 10000 (ދިހަހާސް ރުފިޔާ) އަދި ތިންވަނައަށް ހޮވޭފަރާތަށް 5000 (ފަސްހާސް) ރުދިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ އާބާދީގެ މެދުގައި ޤުރްއާނަށް އޮންނަ ލޯބި އިތުރު ކުރުމާއި ތަޖުވީދުގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކީރިތި ޤުރުއާން ކިޔަވަން ދަންނަ ބަޔަކު އުފެއްދުމާއި ރީތިކޮށް ބަލައިގެން ޤުރުއާން ކިޔަވަން ދަންނަ ބަޔަކު އުފެއްދުމާއި ޤުރުއާން ހިތުދަސް ކުރުމުގެ ރޫހު އަށަގެންނެވުމުގެ އިތުރުން ޤުރުއާނުގެ އެކި ފަންނުތަކަށް އަހުލުވެރިކުރުވުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!