ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ "ދި-ފައުންޑޭޝަން ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445" ގެ ދެވަނަ ބުރު މިރޭ ފަށާނެއެވެ.

މުބާރާތުގެ ދެވަނަ ބުރު ކުރިއަށް ގެންދަނީ ދެ ރެއަކަށް ބަހާލައިގެންނެވެ. ފުރަތަމަ ރޭގެ ޝޯ މިރޭ 21:20 ގައި ހއ.އަތޮޅު ތައުލީމީ މަރުކަޒުގެ ތިލައުތުރު މާލަމުގައި ފަށާއިރު، މި ޝޯގައި ފުރަތަމަ ބުރުން ދެވަނަ ބުރަށް ހޮވުނު 15 ބައިވެރިން ވާދަ ކުރާނެއެވެ.

Ad
rt

މިރޭ ޝޯގައި ކޮންމެ ބައިވެރިއަކަށް ވެސް ބަލައިގެން ކިޔުމުގައި ލިބޭ ސުވާލު ކިޔަވަން ޖެހޭނީ (ދިގުރާގު) މުޖައްވަދުކޮށެވެ. ދެވަނަ ޓާސްކެއްގެ ގޮތުގައި ތަރުޖަމާ ކިޔުން އޮންނާނެއެވެ. މިބައިގައި ގުރުއަތުން ނެގޭ ސުވާލުގައިވާ ސޫރަތެއް ނުވަތަ ސޫރަތެއްގެ ބައެއް ބަލައިގެން ކިޔެވުމަށް ފަހު ތަރުޖަމާ ކިޔަން ޖެހޭނެއެވެ. ދެވަނަ ބުރުގެ ދެވަނަ ޝޯ ހުކުރު ދުވަހުގެ ރޭ އޮންނައިރު، އެ ޝޯއިން ފުރުސަތު ލިބޭނީ މިރޭ ޝޯއިން އެންމެ މަތިން މާކްސް ހޯދާ 10 ބައިވެރިންނަށެވެ.

ދެވަނަ ބުރުގެ ދެވަނަ ޝޯ މާދަމާރޭ އޮންނައިރު، މި ޝޯއިގައި ވާދަކުރާ 10 ބައިވެރިންގެ ތެރެއިން ފައިނަލް ބުރުން ޖާގަ ލިބޭނީ އެންމެ މަތިން މާކްސް ހޯދާ 5 ބައިވެރިންނަށެވެ. މުބާރާތުގެ ފައިނަލް ބުރު ފުރަތަމަ ޝޯ އޮންނާނީ މި މަހު 28 ވަނަ ދުވަހުގެ ރެއެވެ. މުބާރާތުގެ ގްރޭން ފިނާލޭ އޮންނާނީ މި މަހު 29 ވަނަ ދުވަހުގެ ރެއެވެ. އެޝޯގައި ހއ.އަތޮޅު އެންމެ އަލިގަދަ ތަރި ހޮވުން އޮންނާނެއެވެ.

މި މުބާރާތުގެ އެއްވަނައަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި ވަނީ ތިން އުމްރާ ދަތުރު ދިނުމަށް ނިންމާފައެވެ. އަދި މީގެ އިތުރުން ވެސް ގިނަ ވަނަތަކެއް ހޮވައި އަގުހުރި އިނާމްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔެވުން އަޑުއައްސަވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އާންމުކޮށް ވަނީ ހުޅުވާލާފައިވާއިރު، ވަޑައިގަންނަވާ ކޮންމެ ފަރާތަކަށް ކޫޕަނެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ގުރުއަތުން ހޮވޭ ފަރާތްތަކަށް ވެސް އަގުހުރި އިނާމްތައް ލިބިގެންދާނެއެވެ.

މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ އަތޮޅުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމާއި ތަޖުވީދުގެ ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ޤުރުއާން ކިޔަވަން ދަންނަ ބަޔަކު އަތޮޅުގައި އުފެއްދުމާއި ޤުރުއާން އުނގެނުމާއި އުނގައްނައި ދިނުމާއި ތަރުތީލުކޮށް ކިޔެވުމުގެ ގާބިލްކަން އުފެދޭނޭފަދަ ވާދަވެރި މާހައުލެއް އުފެއްދުމާއި ޤުރުއާން ހިތުދަސް ކުރުމުގެ ރޫހް ރަށަގެންނެވުމުގެ އިތުރުން ޤުރުއާނުގެ އެކި ފަންނުތަކަށް އަހުލުވެރި ކުރުވުމެވެ. އެ އަތޮޅުގައި ހާފިޒުން އުފެއްދުމާއި ރާއްޖެއާއި ރާއްޖެއިން ބޭރުންލިބޭ ޤުރުއާން މުބާރާތްތަކުގައި އެ އަތޮޅު ތަމްސީލްކުރާނޭ ދަރިންތަކެއް ތައްޔާރު ކުރުމަކީ ވެސް މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަގުސަދެކެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތިލަދުންއެވެ. މުބާރާތުގެ އެންމެ ތާޒާ ހަބަރުތައް "ތިލަދުން" އިން ގެނެސްދޭނެއެވެ.