ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން އަންނަ މަހުގެ 21 އަދި 22 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އޭޕްރީލް 21 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމައިފައެވެ.

Ad
rt

ރައީސް އޮފީހުން ބުނީ މަޖިލިހުގެ އިންތިހާބުގެ ވޯޓުލުމުގެ މަސައްކަތާ ގުޅިގެން ދެ ދުވަސް ސަރުކާރު ބަންދު ދުވަހުގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ދެ ދުވަސް ބަންދު ދުވަހުގެ ގޮތުގައި ރައީސް ޑރ. މުއިއްޒު ހަމަޖެއްސެވީ އޭޕްރީލް 21 ވާ އާދިއްތަ ދުވަހަކީ މަޖިލިހުގެ އިންތިހާބުގެ ވޯޓުލުން ބާއްވާ ދުވަސް ކަމަށްވުމާ އެކު، އިންތިހާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ހަރަކާތްތެރިވާނެތީ ވޯޓުލުން ބާއްވާ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައި ދިނުމަށް އީސީން އެދުމުންނެވެ.

އަދި ޖެހިގެން އަންނަ 22 އެޕްރީލް ވާ ހޯމަ ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ އިންތިހާބުގެ ވޯޓުލުމަށް ފަހުގައި، ވޯޓު ގުނުމާ ނަތީޖާ އިއުލާނުކުރުމާ، އަދި މި ނޫންވެސް އިންތިހާބާ ގުޅުންހުރި މުހިންމު ގިނަ މަސައްކަތްތަކެއް އެ ދުވަހުވެސް ކުރިއަށްދާނެތީ، އިލެކްޝަންސް ކޮމިޝަނުން އެ ދުވަސްވެސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައި ދިނުމަށް އެދިފައިވާތީ ކަމުގައި ރައީސް އޮފީހުން ބުންޏެވެ.