މަސްވެރިންނާއި ދަތުރުވެރީންނަށް ޚާއްޞަކޮށް އުފައްދާފައިވާ މޯބައިލް އެޕްލިކޭޝަން "ރަސް އައިނު" ރޭ އިފުތިތާޙުކޮށްފިއެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަނޑުދަތުރުކުރާ ފަރާތްތަކަށް އެހީއެއްގެ ގޮތުގައާއި، ދިވެހި ކަނޑުތައް ރައްކާތެރިކަމާއެކު ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތަށް ފަސޭހަކުރުމުގެ ގޮތުން "ރަސް އައިން" ނަމުގައި ފަރުމާކޮށްފައިވާ މި އެޕް އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

Ad
rt

ސިފައިންގެ ވައިގެ ބާރާއި، ޔޫއޭވީ ސިފައިންގެ ޚިދުމަތް ތައާރުފު ކުރުމަށް، މާފަރު ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސް އިފްތިތާޙްކޮށްދެއްވި "ރަސްއައިން" މޯބައިލް އެޕަކީ، ރާއްޖޭގެ މަސްވެރިންނާއި، ރާއްޖެ ސަރަހައްދުން ދަތުރުކުރާ ކަނޑުއުޅަނދުފަހަރާއި، އަދި މި ކަނޑުން ނަފާ ހޯދުމުގައި ހަރަކާތްތެރިވާ އެކިއެކި ސިނާއީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ދިވެހިރާއްޖޭގެ ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ކޯސްޓްގާޑުން ކުރާ މަސައްކަތަށް އެހީއެއްގެ ގޮތުގައި ޓެކްނޮލޮޖީގެ މަންސަތަކުގައި ބޭނުން ހިފުމަށް އުފައްދާފައިވާ އެޕެކެވެ.

އެންޑްރޮއިޑް އަދި އައިއޯއެސްއަށް ފަރުމާކޮށްގެން ލޯންޗުކުރި މި އެޕްގައި ކަނޑުދަތުރުކުރާ ފަރާތްތަކަށް ބޭނުންވާ މުހިންމު ގިނަ މަޢުލޫމާތުތަކެއް ވަނީ ހިމަނާފައެވެ. މިގޮތުން، މި އެޕްގައި ދިވެހިރާއްޖޭގެ މެޕާއެކު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ނެރޭ މޫސުމީ އިންޒާރު ފަދަ މުހިންމު މަޢުލޫމާތުތައް ހިމަނާފައިވެއެވެ.

މީގެ އިތުރުން ކަނޑުދަތުރުފަތުރުކުރާ އުޅަނދުފަހަރުން ފޮނުވާ މެސެޖުތަކާއި ކުއްލި ހާލަތްތަކުގައި ފޮނުވާ ޑިސްޓްރެސް، ކޯސްޓްގާޑުގެ ޕުޝް މެސެޖުތައް ވެސް މި އެޕުން ބަލާލެވެއެވެ.

ކުރިއަށްއޮތް ތަނުގައި، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން ފޯރުކޮށްދޭ މަޢުލޫމާތުގެ އަލީގައި، އެޕް ތަރައްގީކުރުމަށް ބޭނުންވާ، ގުޅުންހުރި އަދި ފައިދާހުރި ބަދަލުތަކާއި އިތުރު އަޕްޑޭޓްތައް ގެނައުމަށް ވަނީ ހަމަޖެހިފައިކަމަށް މި އެޕާއި ގުޅޭގޮތުން އެމްއެންޑީއެފުން ބުނެފަވެއެވެ.