ރަައީސް ޑރ. މުހައްމަދު މުއިއްޒު ރ. އަދި ބ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް މިއަދު ފެއްޓެވި އިރު، ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފިއެވެ.

ރައީސް ޑރ. މުއިއްޒު ބ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ ރ. އަލިފުއްޓަށެވެ. އެ ރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ. ރައީސް އާ އެކުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

Ad
rt

ރައީސް ކުރައްވާ މި ދަތުރުފުޅުތަކުގައި ރައްޔިތުންނާ ބައްދަލު ކުރެއްވުމުގެ އިތުރުން، ރަށު ކައުންސިލްތަކާ އެކު ވެސް ބައްދަލުވުންތައް ބާއްވައެވެ. ރައީސްގެ މި ދަތުރުފުޅުގައި ރ. އަތޮޅުގެ ހަތަރު ރަށަކަށާއި ބ. އަތޮޅުގެ ފަސް ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.

މީގެކުރިން ރައީސް ވަނީ އައްޑޫ، ފުވައްމުލައް، ގދ. އަތޮޅާއި ގއ. އަތޮޅާއި ތ. އަތޮޅާއި ލ. އަތޮޅާއި ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅު އަދި ނ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެންފައެވެ.

މަޖިލިސް ކެމްޕެއިނަށް ސޯލިހް ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަތީ ބ. ދަރަވަންދުއަށެވެ. އެ ރަށުން ވެސް އެމަނިކުފާނަށް ހޫނު މަރުހަބާ އެއް ދެންނެވިއެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު މިހާރު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 21 ގައެވެ.