2021 ވަނަ އަހަރު ޖުލައި މަހު ޖަރުމަނުގެ ގައުމީ ޓީމުން ރިޓަޔަރ ކުރި ޓޯނީ ކްރޫސް އަލުން ގައުމީ ޓީމަށް ކުޅެން ނިންމައިފިއެވެ.

އުމުރުން 34 އަހަރުގެ ކްރޫސް އަކީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް އޭނާ އަންނަނީ ހުރިހާ ސީޒަނެއްގައި ވެސް ރެއާލްގެ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މިވަގުތު ރެއާލްގެ މިޑްފީލްޑްގައި ހުރި އެންމެ މޮޅު ކުޅުންތެރިޔަކީ ވެސް އޭނާއެވެ.

Ad
rt

ރެއާލާއިއެކު ކްރޫސް ހަދާފައިވާ އެއްބަސްވުން މި ސީޒަންގެ ނިޔަލަށް ހަމަވާނެއެވެ. ރެއާލުން އޭނާގެ އެއްބަސްވުން އައުކުރަން ބޭނުންވި ނަމަވެސް އޭނާ މިހާތަނަށް ކޮންޓްރެކްޓާއި ގުޅޭގޮތުން ބުނީ ކުޅުން ކުރިއަށް ގެންދާނީތޯ؟ ނުވަތަ ހުއްޓާލާނީތޯ؟ މި އެއްވެސް ކަމެއް އަދި ނުނިންމާ ކަމަށެވެ. އަލުން ޖަރުމަނު ގައުމީ ޓީމަށް ކުޅެން ނިންމުމަކީ ކްރޫސް އަދި ކްލަބް ފުޓްބޯޅައިގައި ވެސް ކުރިއަށް ދާނެކަމުގެ ފެހި ސިގުނަލެކެވެ. ކްރޫސް ވަނީ ޖަރުމަނުގެ ގައުމީ ޓީމަށް 106 މެޗު ކުޅެފައެވެ.

ކްރޫސް ބުނީ އަލުން ގައުމީ ޓީމަށް ކުޅެން ނިންމީ މިހާރު ޖަރުމަނުގެ ކޯޗްގެ މަގާމުގައި ހުރި ނާގަލްސްމަންއާއި ވާހަކަ ދެއްކުމަށް ފަހު ކަމަށެވެ. ވުމާއިއެކު އަންނަ މާޗް މަހު އޮންނަ އިންޓަނޭޝަނަލް ބްރޭކްގައި ޖަރުމަނު ކުޅޭ މެޗުތަކުގައި އޭނާ ކުޅޭނެއެވެ. އެ އިންޓަނޭޝަނަލް ބްރޭކްގައި ޖަރުމަނު ކުޅޭނީ ފްރާންސާއި ނެދަލެންޑާއި ދެކޮޅަށެވެ.

ކްރޫސް މީގެ ކުރިން މީޑިއާގައި ވާހަކަ ދައްކަމުން ބުނެފައި ވަނީ ޖަރުމަނު ޓީމްގެ ބައެއް ކުޅުންތެރިން ވެސް އޭނާ އެނބުރި ގައުމީ ޓީމަށް އައުމަށް އެދެމުން އަންނަ ކަމަށެވެ. މި އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތް ކުޅޭނީ ވެސް ޖަރުމަނުގައެވެ.

ކްރޫސްއަކީ ގައުމީ ޓީމާއި ކްލަބް ފުޓްބޯޅައިގައި ވެސް ވަރަށް ކާމިޔާބު މިޑްފީލްޑަރެކެވެ. އޭނާ ވަނީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ޖަރުމަނާއިއެކު ކާމިޔާބު ކޮށްފައެވެ. 2010 ވަނަ އަހަރު ވޯލްޑް ކަޕްގެ ތިންވަނަ ހޯދި ޖަރުމަނު ޓީމުގައްޔާއި 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތު ސެމީ ފައިނަލުން ޖާގަ ހޯދި ޖަރުމަނު ޓީމްގައި ވެސް އޭނާ ހިމެނެއެވެ.

ޖަރުމަނު ބުންޑަސް ލީގާގެ ތަށި ތިންފަހަރު ބަޔާނާއިއެކު ކާމިޔާބު ކުރިއެވެ. އަދި ރެއާލް މެޑްރިޑާއިއެކު ލަލީގާ ތިންފަހަރު ވަނީ ކާމިޔާބު ކޮށްފައެވެ. ރެއާލާއިއެކު ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ބަޔާނާއިއެކު ޗެމްޕިއަންސް ލީގު އެއްފަހަރު އޭނާ ވަނީ ކާމިޔާބު ކޮށްފައެވެ.