ދިވެހި ރެޑް ކްރެސެންޓުގެ "ޕާޓްނާސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް"ގައި ބައިވެރިވެ ބީއެމްއެލުން އެ ޖަމިއްޔާއަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ދިވެހި ރެޑް ކްރެސެންޓުން ބުނީ، ބީއެމްއެލްގެ އެހީ ލިބުމުން، ކާރިސާތަކާއި އާންމު ހާލަތްތަކުގައިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް އެހީވުމަށް އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށެވެ.
ދިވެހިރެޑް ކްރެސެންޓުން ކުރިއަށްގެންދާ އެކި ހަރަކާތްތަކުގެ ތެރޭގައި ފުރަތަމަ އެހީ، ނަފުސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާރިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ ތަފާތު މަސައްކަތްތައް ހިމެނެއެވެ.
ބީއެމްއެލްގެ އެހީއާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ އެ ޖަމިއްޔާގެ ޔުނިޓުތައް އިތުރަށް ތަރައްގީކުރުމަށް ވެސް މަގުފަހިވާނެ ކަމަށް ރެޑް ކްރެސެންޓުން ބުނެއެވެ.
މީގެ ކުރިންވެސް ބީއެމްއެލުން ވަނީ ނުކުޅުދުންތެރިކަން ހުންނަ މީހުންނަށާއި ކުދިންނަށް އެކި ވަރުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި މުޖުތަމައަށް ފައިދާ ކުރާ އެކި ތަންތަން ތަރައްގީކުރުމުގައި ވެސް އެ ބޭންކުން ވަނީ އެހީ ފޯރުކޮށްދީފައެވެ.
މީގެ އިތުރުންވެސް، ނާޒުކު ހާލަތްތަކުގައި ތިބޭ އާއިލާތަކަށް ބީއެމްއެލުން އެހީތެރިވުމަށް އަންނަނީ ތަފާތު ޕްރޮގްރާމުތައް ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!