"ނިމޭ 19" ގެ ނަމުގައި ފުލުހުން ހިންގަމުން ގެންދާ އޮޕަރޭޝަން ހުއްޓާލުމަށް ސަރުކާރު ހިންގާ މައިޕާޓީން އެމްޑީޕީއިން އެދިއްޖެއެވެ.

އަދި އެއޮޕަރޭޝަންގެ ނަން ބަދަލުކޮށް އެހެން ނަމެއްގައި އަލުން އެ އޮޕަރޭޝަންސް ހިންގި ނަމަވެސް، އެޕާޓީގެ "އެޖެންޑާ19" ނަމަށާއި، އެ އޮނިގަނޑު ދަށުން ހިންގާނެ ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ކެމްޕެއިނަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެތީ، ފުލުހުން އެއޮޕަރޭޝަން ހުއްޓާލުމަށް އެމްޑީޕީއިން އެދިފައި ވެއެވެ.

Ad
rt

އެމްޑީޕީއިން މިއަދު ފުލުހުންނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، މިއަހަރު އޮތް ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގެ ކެމްޕެއިންގައި އެޕާޓީގެ ވަޢުދުތައް ހިމެނޭ އޮނި ގަނޑަށް އެޕާޓީއިން ކިޔާފައިވަނީ "އެޖެންޑާ 19" ކަމަށެވެ.

އަދި "އެޖެންޑާ 19" އަކީ އެމްޑީޕީގެ ފިކުރީ މުދަލެއް ކަމުގައެވެ. އަދި އެޕާޓިން އިލެކްޝަން ކޮމިޝަނަށް ހުށަހަޅައި، އެނަމާއި ނަމުގެ ލޯގޯ ފާސްކޮށް، އެނަމާއި ލޯގޯއިން ވަކި ކަންކަމެއް ރަމްޒުކޮށްދޭ މަހުފޫމަކަށް އެނަމާއި ލޯގޯ މިހާރުވަނީ ވެފައެވެ. އަދި އެކަން ހާސިލުކޮށްފައިވަނީ އެޕާޓީގެ ވަރަށް ގިނަ މެންބަރުންގެ މަސައްކަތުން ކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން ހިންގާ އޮޕަރޭޝަނަކަށް "ނިމޭ 19" ކިޔުމިގެ ސަބަބުން، އެޕާޓީގެ ބުރަ މަސައްކަތުން ރައްޔިތުންގެ މަގުބޫލުކަން ހޯދާފައިވާ "އެޖެންޑާ 19" އެނަމަށް ނުރަނގަޅު އަސަރު ކުރާނެ ކަމަށް އެޕާޓީއިން ދެކޭ ކަމަށް އެސިޓީގައި ވެއެވެ.

ފުލުހުންދަނީ "ނިމޭ 19" ގެ ނަމުގައި، ރައްޔިތުންގެ ލާބައާއި، ރަށްކާތެެރި ކަމަށްޓަކައި، މާލެ ސިޓީގައި ހާއްސަ އޮޕްރޭޝަނެއް ކުރިއަށް ގެންދަމުން ނެވެ.

މި އޮޕަރޭޝަން މިހިނގާ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.