ރ. އުނގޫފާރު ބިންހިއްކާއިރު ކުރިން ކަނޑައަޅާފައި އޮޮތް ވަރަށްވުރެ އިތުރު 3 ހެކްޓަރު ހިއްކަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް "ރައީސްގެ ޖަވާބު" ނަމުގައި ސަރުކާރުން ފަށާފައިވާ ސިލްސިލާ ޕްރޮގްރާމްގެ ދަށުން ރ. އުނގޫފާރުގެ ރައްޔިތަކު އެރަށު ބިންހިއްކުމާއި ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
''މުޢިއްޒަށް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ސުވާލަކީ ރިޔާސީ އިންތިޚާބުގައި ވަޢުދުވެފައި އެބައޮތޭ ބިން ހިއްކާއިރު ހިއްކެއް އޮތް އެންމެ ބޮޑަކަށް ހިއްކައިދޭނަމޭ، އެކަމަކު ކުރީގައި ވެސް ހިއްކަން އިން ވަރަށް ހިއްކަނީ މިހާރު، އެހެންވީމަ އެކަމާއި އަޅުގަނޑުމެން ވަރަށް ކަންތައް ބޮޑުވޭ'' އުނގޫފާރުގެ ރައްޔިތެއްކަމަށްވާ އަހްމަދު ޝިޔާމް ރައީސާއި ސުވާލު ކުރަމުން ބުނެފަވެއެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުވީ ވަޢުދެއް ވަޢުދުވީ ގޮތައް ފުއްދަވައިދެއްވާނެ ކަމަށެވެ. އަދި އެރަށުގެ ބިންހިއްކާއިރު ހިއްކެއް އޮތް އެންމެ ބޮޑަކަށް ހިއްކަވައިދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެންކަމަށް ރައީސް ވިދާޅުވިއެވެ.
''މިހާރު ސްކޯޕްގައި އޮތް ވަރަށްވުރެ އިތުރު ތިން ހެއްކަޓު ހިއްކީމަ ދެންމެ ޝިޔާމް ތި ފާހަގަކުރެއްވި ގޮތައް އަދި ރަށުގެ ރައްޔިތުން ކަންބޮޑުވާ މައްސަލާގައި ތިން ހެކްޓަރު ހިއްކުނީމަ ފަޅުތެރެއިން ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކޭ، އެހެންވީމަ އަޅުގަނޑު ވަޢުދުވީގޮތައް އެކަން ކުރިއަށްދާނެ'' ރައީސް ވިދާޅުވެފަވެއެވެ.
އުނގޫފާރު ބިން ހިއްކުމުގެ މަސައްކަތް މިދިޔަ މަސްތެރޭގައި ފަށާފައިވާއިރު، މި މަޝްރޫޢުގެ ދަށުން 10 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. މީގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމަށް 1150 މީޓަރުގެ ރިވެޓްމަންޓަކާއި 75 މީޓަރުގެ ހުރަސް ތޮށިލުމަށްވެސް ވަނީ ހަމަޖެހިފައެވެ.
2021 ވަނަ އަހަރު ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ ކޮންޓެކްޓަރަކީ އެމްޓީސީސީ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!