ރިޔާސީ ބަޔާން އިއްވަވާ ދުވަހު އަސްލަމް، ސަލީމް ނޫން ބޭފުޅަށް ރިޔާސަތު ދިނުމަށް ގޮވާލައިފި

ފޮޓޯ: މަޖިލިސް
ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި މަޖިލިހުގެ ނައިބު ރައީސް އަހުމަދު ސަލީމް (ސައްލެ) ގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން މަޖިލިހަށް ހުށަހަޅާފައިވާތީ އެ ނޫން މެމްބަރަކަށް މަޖިލިހުގެ ރިޔާސަތު ހަވާލު ކުރަން މަޖިލިހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) މިއަދު ގޮވާލައްވައިފިއެވެ.

މަޖިލިހުގެ ރައީސް އަސްލަމާއި ނައިބު ރައީސް ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް މަޖިލިހުގެ އިދާރާ އިން މިއަދު ވަނީ ފޮނުވައިފައެވެ. ނޯޓިސް ފޮނުވާފައި ވަނިކޮށް މަޖިލިހުގެ ޖަލްސާއެއް މާދަމާ ބާއްވަން ވަނީ ތާވަލްކޮށްފައެވެ. މިއީ މި އަހަރަށް މަޖިލިސް ހުޅުވަން ބާއްވާ ޖަލްސާއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވާ ފުރަތަމަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 9:00 ގައި މަޖިލިހުގެ އިދާރާގައެވެ.

ތޯރިގް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލިހަށް ވެއްދުމާ އެކުގައި، ނަޝީދު ވެސް ރިޔާސަތުން ދުރަށް ޖެހިވަޑައިގެންނެވި ކަމަށެވެ.

އެހެންކަމުން މާދަމާ އޮންނަ ޖަލްސާގައި މަޖިލިހުގެ ރައީސް އަސްލަމާއި ނައިބު ރައީސް ސަލީމްގެ ބަދަލުގައި ރިޔާސަތު ބަލަހައްޓަވާ ފަސް މެމްބަރުންނާ ހަވާލުކޮށް ދެއްވުމަށް ވެސް ތޯރިގް ގޮވާލެއްވިއެވެ.

"ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅުމާއެކު ރިޔާސަތުން ދުރަށް ޖެހިވަޑައިގަތް. މާދަމާގެ މަޖިލީހުގެ ރިޔާސަތު ރައީސް އަސްލަމާއި ނައިބު ސަލީމްގެ ބަދަލުގައި ރިޔާސަތު ބަލަހައްޓަވާ 5 މެންބަރުންނާއި ހަވާލުކޮށްދެެއްވާ. ޑިމޮކްރަސީއަކީ އެމީހަކާ ޖެހުނީމަ އެއްލާލާ އެއްޗަކަށް ނުހައްދަވާ." ތޯރިގް ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ރައީސް އަދި ނައިބު ރައީސަށް ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓެވޭ ވަގުތުތަކުގައި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނެ ފަސް މެމްބަރަކު މަޖިލީހުން ކަނޑައަޅަން ޖެހެއެވެ. މަޖިލިހުގެ ގަވައިދުގައިވާ ގޮތުން އެ ފަސް މެމްބަރުންނަކީ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދާއި މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) އާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރެވެ.

ޕީޕީއެމް/ޕީއެންސީން އިސްވެ އޮވެ، މަޖިލިހުގެ ރައީސް އަސްލަމާއި ނައިބު ރައީސް ސަލީމް ވަކިކުރުމާ ގުޅޭ ގަރާރު މަޖިލިހަށް ހުށަހެޅުއްވީ 23 މެމްބަރުންގެ ސޮޔާއެކުގައެވެ. މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ ޖަލްސާއަށް ހާޒިރުވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ. މިވަގުތު އެމްޑީޕީ އާއި ޑިމޮކްރެޓްސްގައި 57 މެމްބަރުން ތިއްބެވި އިރު ސަރުކާރަށް ތާއީދު ކުރައްވާ ތިރީހަކަށް މެމްބަރުން އެބަތިއްބެވިއެވެ.

އަސްލަމާއި ސަލީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ އިން ހުށަހެޅީ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމުމާ އެކު، މަޖިލީހުގައި ހަމަނުޖެހުން ހިންގާފައިވަނިކޮށެވެ.

އިތުބާރު ނެތް ކަމުގެ ގަރާރުގައި ބުނެފައިވަނީ މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލާގައި އަސްލަމާއި ސަލީމް އަމަލު ކުރައްވާފައިވަނީ ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއެރުވުމަށް ކަމަށާއި ގާނޫނުއަސާސީ އާއި ދުސްތޫރުން މަތިކޮށްފައިވާ ޒިންމާތަކާ އެ ދެބޭފުޅުން ހިލާފުވެފައިވާ ކަމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި