މި ސަރުކާރުގެ ހަތަރު ވަޒީރަކަށް ރުހުން ދިނުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ވިޕްލައިނާ ހިލާފުވެވަޑައިގެންނެވި މެމްބަރުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީން މިއަދު ބުނެފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންގެ ތެރެއިން 19 ވަޒީރަކަށް ރުހުން ދީފައިވެއެވެ. ރުހުން ނުދިން ވަޒީރުން އަލުން ވަނީ އެ މަގާމަށް އައްޔަން ކުރައްވައިފައެވެ. އެ ބޭފުޅުންނަށް ރުހުން ދިނުމުގެ މައްސަލަ އަނެއްކާ ވެސް މަޖިލިހަށް ހުށަހަޅައި ގޮތެއް ނިންމަން ޖެހެއެވެ. ރުހުން ނުލިބުނު ވަޒީރުންނަކީ ބަންޑާރަ ނައިބު އަހުމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށެވެ.

Ad
rt

އެމްޑީޕީގެ ވިޕްލައިނާ ހިލާފުވެ ސައީދަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އާއި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު އަދި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމެވެ. އަދި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ތަޅުމުގައި އިންނެވި ނަމަވެސް ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވައެވެ.

ޝަހީމްގެ ވޯޓުގައި އެމްޑީޕީގެ ވިޕްލައިނާ ހިލާފުވެ، ޝަހީމަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވި އެމްޑީޕީގެ މެމްބަރުންނަކީ މުމްތާޒް އާއި ޝިފާއު އާއި ޖަމްޝީދާއި ހަލީމްގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އާއި މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީއެވެ.

އުޝާމަށް ރުހުން ދޭން ފެނޭތޯ ނެގި ވޯޓުގައި އޭނާ އަށް ރުހުން ދޭން ނުފެންނަ ކަމަށް 44 މެމްބަރުން ވޯޓު ދެއްވި އިރު، ރުހުން ދޭން ފެންނަ ކަމަށް 24 މެމްބަރުން ވޯޓު ދެއްވިއެވެ. މި ވޯޓުގައި އެމްޑީޕީގެ ވިޕާ ހިލާފުވެ، އުޝާމަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ މުމްތާޒް އެކަންޏެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ، ޕީޖީ ގްރޫޕުގެ ހިންގާ ގަވައިދުގައި ވިޕާ ހިލާފުވާ މެމްބަރުންނާ މެދުގައި އަމަލު ކުރެވޭނެ ގޮތްތަކެއް ބުނެފައިވާ ކަމަށެވެ.

އޭގައިވާ ގޮތުން ވިޕާ ހިލާފުވާ މެމްބަރުންނަށް ފުރަތަމަ ދޭނީ ނަސޭހަތެވެ. އެންމެ ފަހުން ޕާޓީން ވަކިކުރުމުގެ ބާރު ވެސް ލިބިގެންވެއެވެ.

"މިހާރު އަޅުގަނޑުމެން މި ދަނީ އިއްޔެ އަޅުގަނޑުމެންގެ ވިޕާ ހިލާފުވި ބޭފުޅުންނާ ދޭތެރޭގައި، އެބޭފުޅުން ކިތަށް ފަހަރުތޯ ހިލާފުވެވަޑައިގަތީ، މިކަންކަން ބަލަމުން އަޅުގަނޑުމެންގެ ޕާލިމެންޓްރީ ގްރޫޕުގެ ސެކްރެޓަރީ ޖެނެރަލް ކުރިއަށް އެބަގެންދަވާ. ގަވައިދު ބުނާ ގޮތަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނަން،" ބިގޭ ވިދާޅުވިއެވެ.

މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ރުހުން ނުދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމިއެވެ. އެކަމަކު، މަޖިލިހުން ފާސްވެފައި ވަނީ ސައީދަށް ރުހުން އޮތް ކަމަށެވެ.