މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު ބޭއްވި ޖަލްސާގައި ބަންޑާރަ ނައިބު އަހުމަދު އުޝާމާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ދޭން ފެނޭތޯ ނެގި ވޯޓުގައި އެމްޑީޕީގެ ހަ މެމްބަރަކު ވިޕްލައިނާ ހިލާފުވެވަޑައިގެންފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންގެ ތެރެއިން 19 ވަޒީރަކަށް ރުހުން ދީފައިވެއެވެ. ރުހުން ނުދިން ވަޒީރުން އަލުން ވަނީ އެ މަގާމަށް އައްޔަން ކުރައްވައިފައެވެ. އެ ބޭފުޅުންނަށް ރުހުން ދިނުމުގެ މައްސަލަ އަނެއްކާ ވެސް މަޖިލިހަށް ހުށަހަޅައި ގޮތެއް ނިންމަން ޖެހެއެވެ.

Ad
rt

ވޯޓުގައި ސައީދަށް ރުހުން ދޭން ނުފެންނަ ކަމަށް 32 ވޯޓު ދެއްވި އިރު، އޭނާ އަށް ރުހުން ދޭން ފެންނަ ކަމަށް 37 މެމްބަރުން ވޯޓު ދެއްވިއެވެ. އެމްޑީޕީގެ ވިޕްލައިނާ ހިލާފުވެ ސައީދަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އާއި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު އަދި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމެވެ. އަދި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ތަޅުމުގައި އިންނެވި ނަމަވެސް ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވައެވެ.

ޝަހީމަށް ރުހުން ފެނޭތޯ ނެގި ވޯޓުގައި ރުހުން ދޭން ފެންނަ ކަމަށް 30 މެމްބަރުން ވޯޓު ދެއްވި އިރު، ރުހުން ދޭން ނުފެންނަ ކަމަށް 31 މެމްބަރުން ވޯޓު ދެއްވިއެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ އަށް މެމްބަރުން ތިއްބެވިއެވެ.

ޝަހީމްގެ ވޯޓުގައި އެމްޑީޕީގެ ވިޕްލައިނާ ހިލާފުވެ، ޝަހީމަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވި އެމްޑީޕީގެ މެމްބަރުންނަކީ މުމްތާޒް އާއި ޝިފާއު އާއި ޖަމްޝީދާއި ހަލީމްގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އާއި މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީއެވެ.

އުޝާމަށް ރުހުން ދޭން ފެނޭތޯ ނެގި ވޯޓުގައި އޭނާ އަށް ރުހުން ދޭން ނުފެންނަ ކަމަށް 44 މެމްބަރުން ވޯޓު ދެއްވި އިރު، ރުހުން ދޭން ފެންނަ ކަމަށް 24 މެމްބަރުން ވޯޓު ދެއްވިއެވެ. މި ވޯޓުގައި އެމްޑީޕީގެ ވިޕާ ހިލާފުވެ، އުޝާމަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ މުމްތާޒް އެކަންޏެވެ.

ހައިދަރަށް ރުހުން ދޭން ފެނޭތޯ ނެގި ވޯޓުގައި އޭނާ އަށް ރުހުން ދޭން ފެންނަ ކަމަށް 24 މެމްބަރުން ވޯޓު ދެއްވި އިރު، ހައިދަރަށް ރުހުން ނުދޭން ފެންނަ ކަމަށް 46 މެމްބަރުން ވޯޓު ދެއްވިއެވެ. މި ވޯޓުގައި ޖަމްޝީދު ވަކި ގޮތަކަށް ވޯޓު ނުދެއްވާ މަޖިލިހުގެ ތަޅުމުގައި އިންނެވިއެވެ.