ގއ. ވިލިނގިލީގައި ހާލު ދެރަވެ، އިތުރު ފަރުވާ އަށް މާލެ ގެނައުމަށް ލަސްވެގެން ދިޔަ އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާ ނިޔާވި މައްސަލައިގައި އިންކުއަރީއެއް ހިންގުމަށް ރައްޔިތުންގެ މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ނިންމައިފިއެވެ.
ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މުގައްރިރު ޖީހާން މަހުމޫދު ވިދާޅުވީ، ވިލިނގިލީ، ޕެންޒީއާގޭ، މުހައްމަދު ޖާހު ހާލިދު ނިޔާވި މައްސަލައިގައި ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ވެރިން ހާޒިރުކޮށް، ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމުގައި އަމަލު ކުރާ އުސޫލަކީ ކޮބައިތޯ މުއައްސަސާތަކުގެ އިސްވެރިންނާ ސުވާލު ކުރާނެ ކަމަށެވެ. މި ސަރުކާރުން ބަލި މީހުން އުފުލަން ޑޯނިއާ އާއި ހެލިކޮޕްޓަރު ބޭނުން ކުރުމަކީ އޮތް ކަމެއްތޯ ނުވަތަ ނޫންތޯ ސާފުކޮށް އެ ބޭނުން ނުކުރާ ނަމަ، ސަރުކާރުން ރައްޔިތުންނަށް ދޭން ބޭނުންވާ ހިދުމަތަކީ ކޮބައިތޯ އެނގެން ބޭނުންވާ ކަމުގައި ޖީހާން ވިދާޅުވިއެވެ.
އެ މައްސަލައިގައި އިންކުއަރީއެއް ހަދަން ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލިހުގެ މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީއެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓޭ) އެވެ. އެ ހުށަހެޅުން ފާސްވީ އެ ހުށަހެޅުމަށް އިއުތިރާޒް ކުރާ މެމްބަރަކު ނެތުމުން ކޮމިޓީ މެމްބަރުންގެ އިއްތިފާގުންނެވެ.
ޖާހު އެންމެ ފުރަތަމަ ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔައީ މިދިޔަ ބުދަ ދުވަހު ހޮޑުލާތީއެވެ. ހޮސްޕިޓަލަށް ގެންދިޔަ ފަހުން، އެ ކުއްޖާގެ ހާލު ސީރިއަސްވެ ސްޓްރޯކެއް ވެސް ޖެހުނެވެ. އަދި ފަހުން އެނގުނު ގޮތުގައި ކުއްޖާގެ ބޮލުގައި ޓިއުމަރެއް ވެސް ވަނީ އުފެދިފައެވެ. އެ ކުއްޖާ މާލެ ގެންދެވެން ދެން އޮތީ ވެންޓިލޭޓަރުގައެވެ. އެ ކުއްޖާ މާލެ ގެންދިއުން ލަސްވެގެން ވިލިނގިލީ ހޮސްޕިޓަލް ކައިރީގައި މުޒާހަރާ ވެސް ކުރިއެވެ. އެކަމަކު، ހަމަ އެ ދުވަހު އިރުއޮއްސެން އުޅެނިކޮށް ކުއްޖާ މާލެ ގެންދިޔައެވެ. މާލެ ގެންގޮސް ފަރުވާދެމުން ދަނިކޮށް އެ ކުއްޖާ ނިޔާވެފައި ވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައެވެ.
މިކަން ހިނގާދިޔަގޮތް ސާފުކޮށް ދެމުން އާސައިންދައިން ބުނީ، ގއ. އަތޮޅު ހޮސްޕިޓަލުން އައިޖީއެމްއެޗްއަށް ބަދަލުކުރުމަށް އިމަޖެންސީ އިވެކުއޭޝަންގެ ރިކުއެސްޓް މިދިޔަ ބްރާސްފަތި ދުވަހުގެ ފަތިހު 5:03 ގައި ލިބުނު ކަމަށެވެ. އަދި ރިކުއެސްޓް ލިބުނުތާ 12 މިނެޓުގެ ތެރޭގައި އިވެކުއޭޝަން އެޕްރޫވްކޮށް ފަތިހު 5:19 ހާއިރު ވިލިނގިލި ހޮސްޕިޓަލަށް އެކަން އަންގާ ފްލައިޓް ލިބޭތޯ ބެލުމަށް އެންގިކަމަށެވެ.
ކޫއްޑޫ އެއަޕޯޓުން އެންމެ އަވަހަށް ޝެޑިއުލް ފްލައިޓެއް އޮތީ ހުކުރު ދުވަހުގެ ހެނދުނު 5:55 ގައިކަމުން، ވަގުތުން ޗާޓަޑް ފްލައިޓެއްގެ އިންތިޒާމުތައް ފަށައި، ބުރާސްފަތި ދުވަހުގެ ހެނދުނު 8:57 ގައި މޯލްޑިވިއަނުން ޗާޓަޓް ފްލައިޓް ވަގުތު ލިބުނުކަމަށް އާސަންދައިން ބުނެފަވެއެވެ.
އެ ޗާޓަޑް ފްލައިޓް ކޫއްޑޫއަށް ޖެއްސުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:55 ގައި ކަމަށާއި، އެނބުރި މާލެއަށް އައުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ ހަވީރު 16:20 ގައިކަމަށް އާސަންދައިން ބުންޏެވެ. އަދި ވިލިނގިލިން ކޫއްޑުއަށް އެ ކުއްޖާ ގެންދިއުމަށް އެމްއެންޑީއެފްގެ ސީ އެމްބިއުލާންސެއް 14:45 ގައި ހަމަޖެއްސިކަމަށް ވެސް ބުންޏެވެ.
މި އިންތިޒާމު ހަމަޖައްސާފައި ވަނިކޮށް، މާލެއިން ކައްދޫއަށް ދާން އޮތް ފްލައިޓްގައި ޖާގަހުރުމުން، ބުރާސްފަތި ދުވަހުގެ 11:40 ގައި ކޫއްޑޫ އެއަރޕޯޓުން އެކަން އެންގުމުން، އެ ކުއްޖާ މާލެ ގެނެވޭނެ އެންމެ އަވަސް މަގަކީ އެއީކަމަށް ވުމުން ޝެޑިއުލް އޮތްގޮތުން އެދުވަހު 13:50 ކުއްޖާ މާލެ ގެނެވޭނެތީ، އެ ފްލައިޓުން ކުއްޖާ ފޮނުވާލުމުގެ މަސައްކަތް ފެށިކަމަށް އާސަންދައިން ބުނެއެވެ.
އެހެންނަމަވެސް ޕްލޭން ކުރެވުނު ގޮތަށް އިވެކުއޭޝަންގެ ކަންކަން ކުރިއަށްނުގެންދެވުނީ ފަހު ވަގުތު ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ޑައިވަރޓްނުކުރެވުމުންކަމަށް އާސަންދައިން ބުނެއެވެ.
އެހެން ދިމާވުމުން، އަލުން ޗާޓަރޑް ފްލައިޓެއް އިންތިޒާމްކޮށް ކޫއްޑޫ އެއާޕޯޓުން ބުރާސްފަތި ދުވަހުގެ ހަވީރު 16:35 ގައި ފުރައިގެން ކުއްޖާ މާލެ ގެނެވުނީ އެ ދުވަހުގެ ހަވީރު 17:15 ގައިކަމަށް އާސަންދައިގެ ބަޔާނުގައި ބުނެފައިވެއެވެ.
މި ހާދިސާއާއި އިންޑިއާގެ ޑޯނިއާ ބޯޓާ ގުޅުވައި ބައެއް ފަރާަތްތަކުން ވާހަކަ ފަތުރާތީ، މީގެ ތިން އަހަރު ކުރިން ފެށިގެން މިހާތަނަށް އެއްކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ކުއްލި ހާލަތުގައި ބޭސްފަރުވާގެ ބޭނުމަށް މީހުން އުފުލުމުގައި ނުވަތަ މެޑިކަލް އިވެކުއޭޝަންގެ 93 ޕަސެންޓް ކޮށްފައި ވަނީ މޯލްޑިވިއަން އެއާލައިނުން ކަމަށް ދިފާޢީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން މިއަދު ވަނީ ވިދާޅުވެފައެވެ.
މި މައްސަލައިގައި ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!