ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ތަމްސީލުކުރުމަށް ހަދާފައިވާ ފޭސްބުކް ޕޭޖު "ރިސޯޓް ބޯއީސް" އިން ހިންގާ ހަރަކާތްތައް އިތުރުކޮށްފިއެވެ.

މިގޮތުން ރިސޯޓް ބޯއީސް ޕޭޖުންވަނީ ފަތުރުވެރިކަމާބެހޭ ވަޒީރު މަޤާމުން ދުރުކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ހުޅުވާލާފައެވެ. އެޕޭޖުގައި ޕެޓިޝަން ހިއްސާ ކުރަމުން ބުނެފައިވަނީ

Ad
rt

"ދިވެހިރާއްޖޭގެ އެންމެ ބޮޑުސިނާއަތް ކަމައްވާ ފަތުރުވެރި އިންޑަސްޓުރީގެ މިނިސްޓަރު އަލީ ވަހީދު، މިއިންޑަސްޓުރީގައި މަސައްކަތް ކުރާ މުވައްޒަފުންނާ މެދު އިހުމާލުވެ، މުވައްޒަފުން ދިފާއުގަ ބަސްނުބުނެ އެމުއްޒަފުންނާމެދު އިހުމާލްވެފައި ވާތީވެ، މިނިސްޓަރު ވަޒީރުކަމުން ދުރުކުރުމައް ސަރުކާރައް ގޮވާލާ އަދި ރާއްޖޭގެ އިއްޒަތްތެރި ރައީސް ޖުމުހުރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހުއައް ރިޒޯޓު މުވައްޒަފުންގެ ފަރާތުން ހުސައަޅާ ޕެޓިޝަން"

މިހެންނެވެ.

ހަމަ އެޔާއެކު ރައީސް ނަޝީދު މިނިސްޓަރުގެ ދިފާޢުގައި ވާހަކަ ދައްކާފައިވާތީ އެކަމާ ނުރުހުން ފާޅުކޮށް ބުނެފައިވަނީ،

އަޅުގަނޑުމެން ރައީސް ނަސީދަށް ގޮވާލަން މަނިކުފާނުވެސް ޓުވަރިޒަމް މިނިސްޓަރު އަލީ ވަހީދަށް ސަނާ ނުކިޔުއްވާ މިސަރުކާރާއި އެޖެންޑާ19 އިން ގެނޭސްދޭން ވައުދުވި މިނިމަމްވޭޖް 10000 ރިސޯޓް ބޯއީސްއަށް ތަންފީޒް ކޮއްދެއްވާށޭ".

އަދި މިނިމަމްވޭޖް ބިލު އަވަސްކުރުމާއި، މިނިސްޓަރު އަލީ ވަހީދުގެ އިސްތިއުފާއަށް ގޮވާލާ ޕޯސްޓަރުތައް ހަދައި، ރިސޯޓްތަކަށް ފޮނުވަން ތައްޔާރުވަމުންދާކަމަށް ބުނެފައިވެއެވެ.

ރިސޯޓް ބޯއީސް ފޭސްބުކް ޕޭޖުން މިހަރަކާތްތައް މިފެށީ، ސާރވިސް ޗާޖާއި ގުޅުވައިގެން މިނިސްޓަރު ޢަލީ ވަހީދު ދެއްކެވި ވާހަކައަކާއި ގުޅިގެންނެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީއިންވަނީ މިނިސްޓަރުގެ ވާހަކަތައް ތަފްސީލުކޮށްދެއްވައި، އެކަމުގައި މިނިސްޓަރުގެ ނުރަނގަޅު ނިޔަތެއް ނެތްކަމަށް ބުނެފައެވެ.

ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގެ ފުރިހަމަ މަންފާ ރާއްޖެއަށް ލިބުމަށްޓަކައި އެންމެ މުހިންމު ކަމަކީ ސިނާއަތުގެ އާމްދަނީ ގިނަ ރައްޔިތުންނަށް ބެހިގެން ދިޔުންކަމަށެވެ. އެކަމަށްޓަކައި އެންމެ ފުރަތަަމަ ބަދަލުވާންޖެހޭ ކަމަކީ ރިސޯޓް މުވައްޒަފުންގެ މުސާރައާއި ސާރވިސް ޗާޖް ޖުމްލަކޮށް މިހާރަށްވުރެ ހަރުދަނާވުންކަމަށް އިމްރާން ވިދާޅުވިއެވެ.

އެބޭފުޅާ އިތުރަށްވަނީ މިނިސްޓަރ އަލީ ވަހީދު އެކަމަށްޓަކައި ކުރައްވާ މަސައްކަތް ގާތުން ދެކިލައްވާކަމަށް ވިދާޅުވެފައެވެ.

އިމްރާން ވިދާޅުވީ ސިޔާސީ މައިދާނުގައި އަލީ ވަހީދާއި އެކު ކުރެވުނު ތަޖުރިބާގެ އަލީގައި އާންމު ރައްޔިތުންގެ ޖުމްލަ މަސްލަހަތު ނަގަހައްޓަން އަލީ ވަހީދަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

ރިސޯޓުތަކުގެ މުވައްޒަފުންގެ މުސާރަ އާއި ސާވިސް ޗާޖު ކަނޑައަޅަނީ ފަތުރުވެރިކަމާ ބެހޭ ވަޒީރު ނޫން ކަމަށް ވިދާޅުވެ މިނިސްޓަރު އަލީ ވަހީދުގެ ދިފާއުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ ޓުވީޓު ކުރައްވާފައެވެ.

އަލީ ވަހީދުގެ ދިފާއުގައި ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަލީ ވަހީދަކީ ގާބިލް އަދި ހިންގުންތެރި ވަޒީރެއް ކަމަށެވެ. އަދި ޓޫރިޒަމް އިންޑަސްޓްރީ ވިޔަސް، މުވައްޒަފުންނާއި ބެހޭ ކަމެއް ވިޔަސް އަލީ ވަހީދު އެކަމެއް ކުރައްވާނީ ގާނޫނީ ގޮތުން ކުރެވެން އޮތް ގޮތަކަށް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

"މުސާރަ އާއި ސާވިސް ކަނޑައަޅަނީ މިނިސްޓަރެއް ނޫން" ގާސިމް ވިދާޅުވިއެވެ.

ރިސޯޓް ބޯއީސް ފޭސްބުކް ޕޭޖަކީ، ރިސޯޓްތަކުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންގެ ހައްޤުތަކަށްއެދި ވަކާލާތު ކުރަމުންއަންނަ ޕޭޖެއްކަން ފާހަގަ ކޮށްލެވެއެވެ.