މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ)ގެ މަގާމަށް ދެ ބޭފުޅަކު އައްޔަނުކޮށްފިއެވެ.

އެ މަގާމަށް އައްޔަނުކޮށްފައި ވަނީ ޢަލީ ޝަރީފް އަދި މުޙައްމަދު ޝިހާބެވެ.

Ad
rt

މީގެ ތެރެއިން މުޙައްމަދު ޝިހާބަކީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސެއްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.

ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ މުޙައްމަދު ޝަކީލެވެ.

ޙައްޖު ކޯޕަރޭޝަނަކީ ޙައްޖުގެ ޚިދުމަތްތައް ރައްޔިތުންނަށް ފެންވަރު ރަނގަޅު ގޮތުގައި ލުއި ފަސޭހަކަމާއި އެކީ އަޅުކަން އަދާކުރެވޭނެ އެންމެހައި ވަސީލަތްތަކާއި އެކީ ފޯރުކޮށްދޭނެ އަދި ޙައްޖަށް ދިޔުމުގެ ގަސްދުގައި ފައިސާ އެއްކުރާ ފަރާތްތަކުގެ ފައިސާ އަމާނާތްތެރިކަމާއި އެކު ބަލަހައްޓައިދީ، އެ ފައިސާ އިންވެސްޓުކޮށް އެ އިންވެސްޓުމަންޓުތަކުން ލިބޭ ފައިދާ ޙައްޖަށް ދިއުމުގެ ގަސްދުގައި ހުރި ފަރާތަށްދީ، އަމިއްލައަށް ފައިސާ ރައްކާކޮށްގެން ޙައްޖަށްދެވޭ މުއްދަތު ކުރުކޮށްދީ، ޓްރާންޕޭރަންޓު ނިޒާމެއްގެ ދަށުން ޙައްޖު ކޯޓާ ކަށަވަރުކޮށްދީ އަދި ދުރާލާ ޙައްޖަށްދާ މީހުން ތައްޔާރުވުމަށްޓަކައި ނަފްސާނީ، ޖިސްމާނީ އަދި ރޫޙާނީގޮތުން ބޭނުންވާ ތަމްރީނު ފޯރުކޮށްދޭ ސަރުކާރުގެ ސަތޭކަ ޕަސެންޓު ހިއްސާ އޮތް ކުންފުންޏެކެވެ.

2013 ވަނަ އަހަރު ވުޖޫދުވި މި ކުންފުންޏަށް، ރާއްޖެއަށް ލިބޭ ހުރިހާ ރަސްމީ ހައްޖު ކޯޓާއެއް ދިނުމަށް އާ ސަރުކާރުން ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ 17 ޑިސެމްބަރު 2023 ގައި ނިންނަވާފައެވެ.

ރައީސް މުޢިއްޒު މިގޮތައް ނިންމަވާފައި ވަނީ، ޙައްޖަށް ދިޔުމަށް އެދި ވަރަށް ގިނަ ބަޔަކު ހައްޖު ކޯޕަރޭޝަންގެ ކިއުގައި އިންތިޒާރުގައި ތިބުމާއެކު، އެކަން ހައްލުކޮށް އެމީހުންނަށް އަވަހަށް ހައްޖަށް ދިޔުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައެވެ.

ރައީސްގެ މި ނިންމެވުމާއި ގުޅިގެން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެހިގެންދާނެއެވެ. އަދި ޙައްޖަށް ދިޔުމަށް މިވަގުތު ޙައްޖު ކޯޕަރޭޝަނުގެ ކިޔުގައި 6000 މީހުން ރަޖިސްޓްރީވެފައި ތިއްބެވެ. މީގެތެރެއިން 4706 މީހުން ވަނީ ޙައްޖަށް ދިއުމަށް ދައްކަން ޖެހޭ ފައިސާ އެއްކޮށް ދައްކާފައެވެ. އެހެންކަމުން އެފަރާތްތަކުގެ އިންތިޒާރު ދިގުލައިގެން ދިޔަ ނުދިނުމަށާއި، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޢާންމު ރައްޔިތުންގެ އިތުބާރު ބޮޑުކުރުމަށްޓަކައި، ކޮންމެ އަހަރަކު ރާއްޖެއަށް ލިބޭ ރަސްމީ ޙައްޖު ކޯޓާ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދިނުމަށް ރައީސް ނިންމެވީއެވެ.