މާލެއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެ، ބައެއް ގޭތަކަށް ފެންވަންނަމުންދާތީ ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވަމުން އެބަދެއެވެ.

މާލެ އަށް ރޭއްސުރެ އަންނަނީ ވިއްސާރަކުރަމުންނެވެ. މި ވިއްސާރާގައި ހެނދުނު 7 ޖަހާކަށް ހާއިރުއްސުރެ ހުކުރުން ފޭބުމާ ހަމައަށް ބޯކޮށް ވަނީ ވާރޭވެފިފައެވެ.

Ad
rt

މާލޭގައި ފެން ބޮޑުވި ސަރަހައްދުތަކުން ފެން ހިއްކުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނައިރު ފުލުހުން ވެސް އަންނަނީ އެކަމުގައި ބައިވެރިވަމުންނެވެ.

މީގެ އިތުރުން ފެން ވަންނަކަމަށް ރިޕޯޓު ލިބޭ ގޭތައް ސަލާމަތްކުރުމަށް ވެލިބަސްތާ ޖެއްސުމުގައި ވެސް ސަލާމަތީބާރުތަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ފެން ބޮޑުވުމުގެ ހާދިސާއާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ވެސް ހަރަކާތްތެރިވަމުން އަންނައިރު މިއަދު މާލެއަށް ޖެހުނު ގަދަވައިގައި ވެހިކަލްތަކެއް މައްޗަށް ވެއްޓުނު ގަހެއް ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ. މި ގަހަކީ ރެހެންދި ހިނގުން( ޓީވީ.އެމް ކައިރި) ހުރި ގަހެކެވެ.

އެ ގަސްވެއްޓުމުން ވެހިކަލްތަކަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެއެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ބައެއް އެހެން ހިސާބުތަކަށް ވެސް އަންނަނީ ގަދަ ވިއްސާރަކުރަމުންނެވެ. މި ވިއްސާރާގައި ދ.ކުޑަހުވަދޫގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެންވަންނަމުންދާތީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން، އެ ރަށު ފެން ވަންނަ ގެތަކުގައި ވެލިބަސްތާ ޖެއްސުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ދަތުރުކުރާއިރު އޭގެ އަސަރު ރާއްޖެއަށް ކުރާނެތީ ސަމާލުވެތިބުމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އޮތީ ކުރިން ވެސް އިލްތިމާސްކޮށްފައެވެ.