މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ޚިދުމަތުން މިއަދު ބުނިގޮތުގައި މި ދެ މީހުން ހައްޔަރުކުރީ، މަސްތުވާތަކެއްޗާއި ދެކޮޅަށް އެ އިދާރާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެ އިދާރާގެ ޑްރަގް އެންފޯސްޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

Ad
rt

މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖަނަވަރީ 9 ވަނަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަންގައި، މާލޭ ގެއެއް ބަލައިފާސްކުރުމުގެ ތެރޭގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނަކާއި 32 އަހަރުގެ ދިވެހި އަންހެނެކެވެ.

މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 11 ވޭޕް ކާޓްރިޖް އަދި ގިނަ އަދަދެއްގެ ދިވެހި ފައިސާ ފެނިފައިވާކަމަށް ފުލުހުންބުންޏެވެ.

މީގެ އިތުރުން މި މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތް ދުއްވާ ސައިކަލު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެއް ހުރި 17 ވޭޕް ކާޓްރިޖް ފެނިފައިވާކަމަށް ވެސް ބުންޏެވެ.

މި މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން 25 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ދީފައިވާއިރު، 32 އަހަރުގެ މީހާ ވަނީޝަރުތުކުރުމަށްފަހު ދޫކޮށްލާފައެވެ.

މި މައްސަލަ ޑްރަގް އެންފޯސްޓްމަންޓުން ދަނީ ތަހްގީގު ކުރަމުންކަމަށް ފުލުހުން ބުނެއެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިއްޔެ ރޭގެ ވަގުތެއްގައި ވިލިމާލޭގައި ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ވިލިމާލޭގެ ފުލެޓެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު ދެ ފިރިހެނުން ވަނީ ހައްޔަރުކޮށްފައެވެ. މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެ ފްލެޓް ބަލާފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ސާމާނު ފެނިފައިވާކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފައެވެ.