މާލެ ތަރައްގީ ކުރުމުގައި މި ސަރުކާރުގެ ވަރަށް ރީތި ތަސައްވުރެއް އެބައޮތް ކަމަށާއި އެ ތަސައްވަރުގައި ކުލަ ޖެއްސެން އޮތީ މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ލިބިގެން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެއެވެ.
ޕީޕީއެމް/ޕީއެންސީން ގަލޮޅު ކަންމަތީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ވަރަށް ގިނަ ވައުދުތަކެއް ވެވަޑައިގެން ކަމަށެވެ. ހާއްސަކޮށް މާލެއާ ދޭތެރޭގައި ފޮނި އުންމީދުތަކަކާއި ރީތި ތަސައްވުރެއް ކުރައްސަވައިގެން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"ހާއްސަކޮށް މާލެއާ ދޭތެރޭގައި ވަރަށް ފޮނި އުންމީދުތަކެއް ކުރައްވައިގެން. ވަރަށް ރީތި ތަސައްވުރެއް ކުރައްސަވައިގެން. އޭގައި ކުލަ ޖައްސަވަން ބޭނުންފުޅުވެގެން ވަޑައިގެންނެވީ. އެ ކުލަ ޖެއްސެވެން އޮތީ މާލެ ސިޓީގެ މޭޔަރާ އެކީގައި އެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމަނިކުފާނުގެ ޕާޓީއަށް ލިބިވަޑައިގަންނަވައިގެން،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އެހެންވެ، އަންނަ ހޮނިހިރު ދުވަހު އޮންނަ އިންތިހާބުގައި ރައްޔިތުން ނުކުމެ، ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބުކޮށް ދެއްވުމަކީ މާލެ ސިޓީގެ ރައްޔިތުންނަށް ކޮށްދެވޭނެ ކަމެއް ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް މުއިއްޒު މިދިޔަ ނޮވެމްބަރު 17 ގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ފަހުގައި މިއަދާ ހަމައަށް އެމަނިކުފާނު މަސައްކަތް ކުރައްވަނީ ވައުދުތައް ރަނުން ރަނަށް ފުއްދަވަން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އެގޮތުން މާލެ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ފުށިދިއްގަރުފަޅު ހިއްކަން 400 މިލިއަން ރުފިޔާ، ދައުލަތުގެ ބަޖެޓުގައި ހިމެނި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލިހުން އެ މަޝްރޫއަށް ހަމަޖެއްސި ފައިސާ ވެސް ބަޖެޓުން އުނިކޮށްލީ ކަމަށް ވިދާޅުވިއެވެ.
"އެ ވަރަށް ރައްޔިތުންނާ ދޭތެރޭގައި ނުވިސްނާ ޕާޓީއަކުން ނެރޭ ކެންޑިޑޭޓަކު ހޮވައިގެން ދެން ކޮން ކަމެއްހޭ ރައްޔިތުންނަށް ވާނީ؟" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ބަޖެޓު ނުދިނޭ ކިއާފައި މަޝްރޫއު ކުރިއަށް ނުގެންގޮސް މަޑުޖައްސާލަން ވެސް ރައީސް މުއިއްޒަށް ފަސޭހަވީހެވެ. ނަމަވެސް ރައީސް މުއިއްޒު އެ ވަޑައިގަތީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގެ ރޫހުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އިހްލާސްތެރި ނިޔަތަކާ އެކީގައި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ރޫހުގައި ވެރިކަމަށް ވަޑައިގަތް ބޭފުޅަކަށްވާތީ ރައީސް މުއިއްޒު ނިންމެވީ ބަޖެޓުން ޖާގަ ނުދިނީމަ ދެން އެކަން ކުރެވޭނެ ގޮތެއް ހޯއްދަވައިގެން ވެސް މާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައި ދެއްވުމަށް،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ މި ސަބަބާ ހުރެ ވެސް ރައީސް މުއިއްޒާ އެކީގައި މަސައްކަތް ކުރެއްވޭނެ މޭޔަރަކު އިންތިހާބު ކުރަން ޖެހޭ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!