ބަލްމާ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ށ.ފީވަކުގައި ކުރިއަށް ގެންދިޔަ "ބަލްމާ ފުޓްސަލް ޗެލެންޖް 23/24" ގެ ޗެމްޕިއަންކަން އެފްސީ ފަޔަރ ބާޑްސް އިން ހޯދައިފިއެވެ.
ފަޔަރ ބާޑްސް އިން ޗެމްޕިއަންކަން ހޯދީ މި މަހު އެއްވަނަ ދުވަހު އެ ރަށު ފުޓުބޯޅަ ދަނޑުގައި ކުޅުނު ފައިނަލްގައި 3-0 ގެ ނަތީޖާއިން، އެންމެ ފަހުގެ ޗެމްޕިއަން ހޫލިގަން އެސްސީ ބަލިކޮށްގެންނެވެ.
މި މެޗުގައި ފަޔަރ ބާޑްސް ޓީމުގެ ލަނޑުތައް ޖަހައިދިނީ ޢަބްދުالله ނަވީން، ހުސެއިން ޝަރީފް (އޮންލީ) އަދި އަބްދުالله އަމާންއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ފަޔަރ ބާޑްސްގެ ހުސެއިން ޝަރީފް (އޮންލީ) އެވެ.
މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ ހޮޓްޝޮޓްގެ އަބްދުލް ފައްތާހްއެވެ. ފެއާޕްލޭ ކުޅުންތެރިޔާއަށް ހޮވުނީ ހޮޓްޝޮޓްގެ އަހްމަދު އައްފާން ޝަރީފެވެ.
މި މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހަކުރު އެފްސީ ހޮވުނު އިރު އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ ޗެމްޕިއަން ފަޔަރ ބާޑްސް އަށް އިރުޝާދުދިން މުއާވިޔަތު ވަސީމްއެވެ. އެންމެ ގިނަ ލަނޑު ޖެހީ ޗެމްޕިއަން ފަޔަރ ބާޑްސް ޓީމުގެ އަބްދުالله ނަވީންއެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން
- ޢަބްދު الله ނަވީން (އެފްސީ ފަޔަރ ބާޑްސް)
- ޢަބްދު الله ރިމާހް (އެފްސީ ފަޔަރ ބާޑްސް)
- ހުސެއިން ޝަރީފް (އެފްސީ ފަޔަރ ބާޑްސް)
- ހުސެއިން ޝާމިހް (ހޫލިގަން އެސްސީ)
- ހުސެއިން ފާރިސް (ހޫލިގަން އެސްސީ)
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން
ބަލްމާ ފުޓްސަލް ޗެލެންޖްގެ ކޮންމެ އަހަރެއްގައި ވެސް "ފީވަކު ފުޓްސަލް ކިންގް" ގެ ނަމުގައި އެވޯރޑެއް ދެއެވެ. މިފަހަރުގެ މި މަޤާމަށް ހޮވިފައިވަނީ ހޫލިގަން އެސްސީގެ ހުސެއިން ޝާމިހު އެވެ. ޝާމިހު ވަނީ މި މުބާރާތުގައި ހޫލުގަން ޓީމަށް ޖުމްލަ 8 ލަނޑު ކާމިޔާބު ކޮށްދީފައެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ފަޔަރ ބާޑްސްގެ ހުސެއިން ޝަރީފް (އޮންލީ) އެވެ. މުބާރާތުގެ ހުރިހާ މެޗެއްގައިވެސް އޮންލީ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އޮންލީ ވަނީ 9 އެސިސްޓާއި 5 ގޯލު ޓީމަށް ކާމިޔާބު ކޮށްދީފައެވެ.
މިއަހަރުގެ މުބާރާތުން ވެސް ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ވަނީ ފާހަގަކުރެވިފަ އެވެ. ބަލްމާގެ އަމާޒަކީ ކުޅިވަރުން ކުރިއަށް ދާން ބޭނުންވާ ކުޅުންތެރިންނަށް އެ ފުރުޞަތު ފަހިކޮށް ހުނަރުވެރި ކުޅުންތެރިން އެރަށުން ނެރުމެވެ.
މިފަހަރުގެ މުބާރާތް ބޭއްވީ ބަލްމާގެ މެއިން ސްޕޮންސަރގެ ދަށުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!