ކުރީގެ ސިއްހީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރެން ސްކީމެއް ތަޢާރުފުކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ، 31 ޑިސެމްބަރު 2023 ގައި އޮތް ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ހާމަކުރަން ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Ad
rt

މި ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބުދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ކުރީގެ ސިއްހީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރުމާއިގުޅޭ ގޮތުން އެންމެފަހުން އޮތް ވަޒީރުންގެ މަޖިލީހަށް ސިއްހަތާބެހޭ ވުޒާރާއިން ކަރުދާހެއް ހުށަހެޅި ކަމަށެވެ.

އެ ކަރުދާހާމެދު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަޒީރުންނާއެކު ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވިކަމަށް ނާޒިމް ވިދާޅުވިއެވެ.

އެ މަޝްވަރާއަށްފަހު އެކި ސަބަބާހުރެ ވަޒީފާއިން ވަކިވި ކުރީގެ ސިއްހީ ޚިދުމަތްތެރިންނާއި، މަގާމުން ރިޓަޔާ ކުރެއްވި ކުރީގެ ސިއްހީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރެން ޚާއްޞަ ސްކީމެއް އެކުލަވާލަން ނިންމެވި ކަމަށް ނާޒިމް ވިދާޅުވިއެވެ.

މި ސްކީމްގެ ދަށުން ކުރީގެ ސިއްހީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނުކުމެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ރައީސް ނިންމެވި ކަމަށް ނާޒިމް ވިދާޅުވިއެވެ.

މިގޮތުން ޚިދުމަތުން ދުރުވެފައި އަދި ޚިދުމަތަށް އަލަށް ވަނުމަށް ބޭނުންވާ ނަރުހުންނާއި އެހެނިހެން ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން މިހާރުން މިހާރަށް ވަޒީފާއަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ދެއްވުމުގެ ގޮތުން، ބަޖެޓުގައި ހިމެނިފައިވާ އިދާރީ އޮނިގަނޑުގެ ތެރެއިން އެ ފަރާތްތަކަށް އަދާކުރެވޭނެ މަގާމެއް އޮތްނަމަ، މުވައްޒަފުންނަށް ވަޒީފާ ހަމަޖެއްސެވުމުގެ އާންމު އުސޫލުގެ ދަށުން މިކަން ކުރެއްވުމުގެ ބަދަލުގައި، ޚާއްޞަ މި ސްކީމެއްގެ ދަށުން، ޞިއްޙީ ދާއިރާއަށް ޚާއްޞަ އަވަސް ރެކްރޫޓްމަންޓް ޕްރޮސެސްއެއްގެ ތެރެއިން، މިފަދަ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމަށް ވަނީ ރައީސް ނިންމާފައިކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން މީގެތެރެއިން 8 ގަޑިއަރަށްވުރެ މަދުން މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް، އެފަރާތްތަކުން މަސައްކަތްކުރާ ވަގުތަށް ރިޢާޔަތްކޮށް، އުޖޫރައެއް ކަނޑައަޅުއްވައި، ދިވެހި ސިވިލް ސަރވިސް ގަވާއިދުގެ ތެރެއިން އެފަރާތްތަކަށް އެގޮތަށް މަސައްކަތްކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ވެސް ނިންމާފައިވާކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ނާޒިމް ވިދާޅުވިގޮތުގައި، 55 އަހަރުވެފައިވާ ނުވަތަ ރިޓަޔަރވެފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އަނބުރާ ނުކުންނަން ބޭނުންވާ ފަރާތަކީ، ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން ނެރުމަށް މަގު ފަހިކޮށްދިނުމަށްޓަކައި އެކުލަވައިލައްވާ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ނުވިނަމަވެސް، އެ ފަރާތަކީ ޞިއްޙީގޮތުންނާއި، ތަޢުލީމާއި، ތަޖުރިބާ އަދި ހުނަރުގެ ގޮތުން ޤާބިލު ފަރާތެއްކަމަށްވާނަމަ، އިދާރީ އޮނިގަނޑުގައި އެ ފަރާތަކަށް ދެވޭނެ މަގާމެއް އޮވެއްޖެނަމަ، އެފަރާތެއް އެ މަގާމަށް ނެގުމުގެ ފުރުޞަތު ދެވޭނެ ގޮތް ހަމަޖެއްސެވުމަށް ވެސް ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމުގެ ތެރޭގައި ހިމެނެއެވެ.